އެކްތާ ކަޕޫރްގެ ސިލްސިލާއަކަށް ހީނާ ހާން އަނެއްކާވެސް ސޮއިކޮށްފި
އެކްތާ ކަޕޫރްގެ ސިލްސިލާއަކަށް ހީނާ ހާން އަނެއްކާވެސް ސޮއިކޮށްފި

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ "ކަސޯޓީ ޒިންދަގީ ކޭ" އާ ސީޒަނުގައި ކޮމޮލިކާގެ ރޯލުން ފެނިގެންދާ ހީނާ، އަނެއްކާ ވެސް އެކްތާ ކަޕޫރުގެ އިތުރު ސިލްސިލާއަކަށް ސޮއިކޮށްފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން ހީނާ ބުނީ "ކަސޯޓީ" ގައި އޭނާ ނެގަޓިވް ރޯލަކުން ފެނުނަސް، އަލަށް ސޮއިކުރި އެކްތާގެ އާ ސިލްސިލާގައި އޭނާ ފެނިގެން ދާނީ ޕޮޒިޓިވް ކެރެކްޓާއަކުން ކަމަށެވެ.

"ނަމަވެސް މި ވަގުތު އެ ސިލްސިލާއާ ބެހޭ އެއްވެސް ތަފުސީލެއް އަދިއެއް ނެތް ދެވޭކަށް. ބުނަން އޮތްހާ ވެސް ވާހަކައަކީ އެކްތާ މިހާތަނަށް ގެނެސް ދޭނެ އެންމެ ވަރުގަދަ އެކައްޗަށް އޭތި ވާނޭ،" ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން އަކްޝަރާގެ ރޯލު ކުޅުނު ހީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކްތާގެ ދެ ސިލްސިލާއެއްގައި ތަފާތު ދެ ކެރެކްޓާއެއް ކުޅެން އޭނާ އަށް ހުށަހެޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންވެ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

ހީނާ ބުނީ މިދިޔަ އަހަރު އޭނާ ވާދަ ކުރި ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" އަށް ފަހު، ވަރަށް ގިނަ ސިލްސިލާތަކުން ބޮޑެތި ރޯލްތައް ހުށަހެޅި ކަމަށެވެ.

"ނަމަވެސް އެ ހުރިހާ އެއްޗެއް ދޫކޮށްލާފައި ކަސޯޓީ އަށް އެއްބަސްވި މައިގަނޑު ސަބަބަކީ ތަފާތު ކެރެކްޓާއެއް ކުޅެން ބޭނުންވުން. އަބަދު ބޭނުމެއް ނޫން އެހާއެހާ ރަނގަޅު މީހެއްގެ ގޮތުގައި ފެންނަ ރޯލްތައް ކުޅޭކަށް. އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ތަފާތު އެކި ކަހަލަ ރޯލްތަކަށް އިންސާފު ކުރަން ފުރުސަތު ލިބިގެން ދިއުން،"

ހީނާ ބުނީ ކޮލޮމިކާގެ ރޯލު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. ކޮމޮލިކާގެ ގޮތުގައި އޭނާ ތައާރަފުކޮށް ދިން ޓީޒާ ޓްރެއިލާ އަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެ އެވެ. އަދި "ކަސޯޓީ" ބަލާ އޯޑިއަންސް މިހާރު އަންނަނީ ސިލްސިލާ އިން އޭނާ ފެންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ބެލެވޭ ގޮތުން މި ހަފުތާގެ ތެރޭގައި "ކަސޯޓީ" އިން ހީނާ ފެންނަން ފަށާނެ އެވެ.

"އަހަރެން ބުނަން އޮތީ ފޭނުންނަށް އެކްތާގެ އާ ސިލްސިލާ އިން އަހަރެން ފެންނަން ދެން، ކޮމޮލިކާގެ ގޮތުގައި އަހަރެން ތަޖުރިބާކޮށްލާށޭ،" އޭނާ ބުންޏެވެ. "ހަމަ ޔަގީނުން ވެސް ފޭނުން މާޔޫސްއެއް ނުވާނެ. އަހަރެންގެ މެކްސިމަމް ދީފައި ހުންނާނެ."