ލިވަޕޫލް އެއް ވަނަ އަށް، ކްލޮޕަށް ހިތްހަމަޖެހުމެއް
ލިވަޕޫލް އެއް ވަނަ އަށް، ކްލޮޕަށް ހިތްހަމަޖެހުމެއް

ލިވަޕޫލް (އޮކްޓޫބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކާޑިފް ސިޓީ އަތުން 4-1 އިން މޮޅުވެ ލީގުގެ އެއް ވަނަ އަށް ލިވަޕޫލް އެރުމަކީ ލިބޭ ވަރަށް ހިތްހަމަޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލް އެއް ވަނަ އަށް އެރީ 10 މެޗުން 26 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ނުވަ މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުޅޭ މެޗުގައި މާދަމާ ރަށުން ބޭރުގައި ނުކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް އަލުން އެއް ވަނަ ލިބޭނެ އެވެ.

ރޭގެ މެޗަށް ފަހު ކްލޮޕް ބުނީ މިއީ އޭނާގެ ނަޒަރުގައި ޓީމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ލީގުގެ ފަހު މެޗުތަކަށް ދިޔައީމަ ޕޮއިންޓުގެ މުހިއްމުކަން އެނގޭ. އެގޮތަށް ވިސްނާއިރު މެޗު އިތުރަށް ކުޅެގެން ވެސް އެއް ވަނަ އަށް އެރުމަކީ ހިތްހަމަ ޖެހުމެއް. އެކަމަކު މީގެން ސާބިތުކުރެވޭނެ ކަމެއް ނެތް. އެއީ 10 މެޗު ކުޅެގެން އުފާފާޅުކުރެވޭނެ ޖާގައެއް ނެތް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން ރޭގެ މެޗުގެ ލީޑުނެގީ 10 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި ފަސް ވަނަ ގޯލެވެ. މި ހާފުގައި އިތުރު ލަނޑެއް ޖަހަން ލިވަޕޫލުން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ކުޅުން ރަނގަޅުވީ އެޑަމް ލަލާނާގެ ބަދަލުގައި ޒެރްޑަން ޝަގީރީ ކުޅެން އެރުވި ހިސާބުންނެވެ. ލިވަޕޫލްގެ ލީޑުފުޅާކޮށްދިނީ މެޗުގެ 66 ވަނަ މިނިޓްގައި ސަޑިއޯ މާނޭ އެވެ. އޭގެ 10 މިނިޓް ފަހުން ކަލުމް ޕެޓަސަން ވަނީ ކާޑިފަށް ލަނޑެއް ޖަހައިދީފަ އެވެ. މިއީ މިދިޔަ 10 މެޗުން ލިވަޕޫލް ކޮޅަށް ލީގުގައި އަމިއްލަ ދަނޑުގައި ވަން ފުރަތަމަ ލަނޑެވެ.

ކާޑިފުން ލަނޑުގެ ފަހުން ލިވަޕޫލަށް ޕްރެޝަރު ކުރި އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ޝަގީރީ އެވެ. ސަލާހު ދިން ބޯޅައަކުން ޝަގީރީ ޖެހި މި ގޯލަކީ އޭނާ އެ ޓީމަށް ބަދަލުވި ފަހުން ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ލިވަޕޫލްގެ ފަހު ލަނޑު ސަލާހު ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ މާނޭ އެވެ.

ލީގުގައި ރޭ ބްރައިޓަން ވަނީ ވުލްވްސް އަތުން 1-0 އިން މޮޅުވެފަ އެވެ. ބްރައިޓަން އަށް ގްލެން މަރީ ޖަހައިދިން 100 ވަނަ ގޯލުން އެ ޓީމު ކުރިހޯދިއިރު، މިއީ މިދިޔަ 37 އަހަރު ތެރޭ ލީގުގައި ބްރައިޓަން އިން ޖެހިޖެހިގެން ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. ރޭ ބޯންމައުތު ވަނީ ރަށުން ބޭރުގައި 3-0 އިން ފުލަމް ބަލިކޮށްފަ އެވެ. އަދި ލެސްޓާ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.