28 އޮކްޓޯބަރ 2018 - 07:35

ޖަރުމަނުގެ ކުންފުންޏަކުން އަންނަނީ މީހުން އުފުލާނެ ފަސިންޖަރު ޑްރޯނެއް އުފައްދައި އާންމު ދަތުރުފަތުރަށް ދޫކުރަން މިދިޔަ އަހަރުން ފެށިގެން ތައްޔާރުވަމުންނެވެ. ވޮލޮކޮޕްޓަރުގެ އުދުހުންތައް މީގެ ކުރިން ފެނުނީ ޖަރުމަނުވިލާތުންނެވެ. އެކަމަކު މިހާރު އެ ކުންފުނިން ތައްޔާރުވަނީ އޭޝިޔާގެ ނަމޫނާ ސިޓީ، ސިންގަޕޫރުގައި މީގެ އެއާ ޓެކްސީގެ އަޖުމަ ބެލުމުގެ މަސައްކަތަށެވެ.

އާދައިގެ ޑްރޯންގައި ހިމެނޭ ހަތަރު ބުރަފަތީގެ ބަދަލުގައި ވޮލޮކޮޕްޓަރުގައި 18 ބުރަފަތި ހުރެއެވެ. މި ޑްރޯން ބޮޑަށް ވައްތަރުވަނީ ހެލިކޮޕްޓަރަކާއެވެ. ދަތުރަށް ފެށުމާއި ބިމަށް ތިރިކުރުމުގައި ވެސް ބޮޑަށް އެއްގޮތްކަމެއް ހުންނަނީ ހެލިކޮޕްޓަރާއެވެ. މި ކޮޕްޓަރަށް ދަތުރުކުރެވޭނީ 30 ކިލޯމީޓަރަށްވުރެ ކައިރިއަށެވެ. މީގައި ޖާގަ އޮންނަނީ ދެ މީހުންނަށެވެ. ވޮލޮކޮޕްޓަރު ފަރުމާކޮށްފައިވަނީ ކަރަންޓުން ދުއްވާ ގޮތަށެވެ. އެހެންވީމާ، ދުން އަރުވައި، ތިމާވެށި ގަޑުބަޑުކުރާނެކަމުގެ އެއްވެސް ބިރެއް ނެތެވެ. އަޑުވެސް އެހާ މަޑެވެ. ސިޓީއަކަށް ވަރަށް އެކަށީގެންވާނެކަމަށް ވޮލޮކޮޕްޓަރު ކުންފުނިން ބުނެއެވެ.
ސިންގަޕޫރުގެ ސިޓީ ތެރޭގައި ދަތުރުކުރާ ވަސީލަތެއްގެ ގޮތުގައި ވޮލޮކޮޕްޓަރ ބޭނުންކުރުމަށް އަޖުމަ ބެލުމުގެ މަސައްކަތަކީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ކުރިން ވޮލޮކޮޕްޓަރ އެއާ ޓެކްސީގެ އަޖުމަ ބަލާފައިވަނީ ޖަރުމަނުވިލާތުގައާއި ދުބާއީގައެވެ.
ވޮލޮކޮޕްޓަރު އުފެއްދި ކުންފުނީގެ އެއް ބާނީ، އެލެކްސް ޒޯސަލް ބުނާ ގޮތުގައި ސިންގަޕޫރުގައި މީގެ އެއާ ޓެކްސީ ދުއްވާނީ ޖަރުމަނާ ވަރަށް ތަފާތު މާހައުލެއްގައެވެ. މޫސުމީ ގޮތުންނާއި ސިޓީގެ އުމްރާނީ ހާލަތަށް ބަލާއިރު ވެސް ތަފާތުވާނެ ކަމަށްވެއެވެ. މިއީ މިފަދަ އެހެން ސިޓީތަކަށް ވޮލޮކޮޕްޓަރު އެއާ ޓެކްސީ ތައާރަފްކުރާއިރު ވިސްނަންވީ ކަންތައްތައް ފާހަގަކުރެވޭނެ ކަމެއްކަމަށް ވެސް ޒޯސަލް ބުންޏެވެ. ޒޯސަލްގެ އުއްމީދަކީ ކުރިއަށް އޮތް 3-5 އަހަރުގެ މުއްދަތުގެ ތެރޭގައި ވިޔަފާރީގެ ގޮތުން ވޮލޮކޮޕްޓަރުގެ ދަތުރުތައް ފެށުމެވެ. އަދި 12 އަހަރުތެރޭ 10 ސިޓީއެއްގައި ވޮލޮކޮޕްޓަރު ދުއްވޭނެ ގޮތަށް އެސިޓީތައް އުމްރާނީ ގޮތުން ބަދަލުކުރުމެވެ.