27 އޮކްޓޯބަރ 2018 - 16:24

ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާގެ ބޮޑު ވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ރޭ ކުރެއްވުމާ އެކު އެ މަނިކުފާންގެ ސަޕޯޓަރުން ވަނީ ގައުމީ ޓީވީ ރުޕަވާހިނީގެ ޓްރާންސްމިޝަން ހުއްޓުވާފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސަރުކާރުގެ ޓީވީގެ އިތުރުން ސަރުކާރުގެ ބައެއް ނޫސްތަކުގެ އެޑިޓޯރިއަލްގެ ކޮންޓްރޯލް ވެސް ރާޖަޕަކްސާގެ ސަޕޯޓަރުން ނަގާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ގައުމީ ޓީވީގެ ޚިދުމަތް ހުއްޓުވާލުން މީޑިއާ މިނިސްޓަރު މަންގަލަ ސަމަރަވީރާ ވަނީ ކުށްވެރި ކުރައްވައިފަ އެވެ. ގައުމީ ޓީވީގެ ސަލާމަތީ ކަންކަމާ މިހާރު ވަނީ ސިފައިން ހަވާލުވެފަ އެވެ.
ލަންކާގެ ސިޔާސީ މަޝްރަހަށް ކުއްލި ބަދަލެއް އައިސްފައި ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އެ މަގާމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ރޭ އައްޔަން ކުރުމާ ގުޅިގެންނެވެ. ރަނިލް ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށް ވަނީ ވިދާޅުވެފަ އެވެ. ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ.