28 އޮކްޓޯބަރ 2018 - 07:32

ބުދަ ދުވަހާ ގުޅޭ
އާބިދާގެ ކަރުގައި އެ ކަށި ތާށިވިއެވެ. ކަމުގެ ހަގީގަތް އޮޅުންފިލުވުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އާމިރަކީ ކާކު ހެއްޔެވެ؟ ދާނިޔާއާ ރައްޓެހިވުމުގެ ކުރިން އާމިރުގެ ހަޔާތަށް އެހެން އަންހެންކުއްޖަކު އައި ހެއްޔެވެ؟ އެ ކުއްޖާއަށް ވީ ކީއްހެއްޔެވެ؟
އާބިދާއަކަށް އެ ރެޔަކު ނުނިދުނެވެ. ފިކުރުތައް ހައްތަހާ ގިނަވިއެވެ. ދާނިޔާގެ ހަޔާތަށް އާމިރު އައުމާއެކު ދާނިޔާ ބަލިވުމާ އާމިރާ އެއްވެސް ގުޅުމެއްވޭ ހެއްޔެވެ؟ ނުވަތަ އެއީ އިއްތިފާގެއް ހެއްޔެވެ؟ ދާނިޔާއަށް ސައްބީސް އަހަރެވެ. އެހާ ދުވަސްވަންދެން ދާނިޔާ މީހަކާ ކައިވެނިނުކޮށް ހުރީ ކިޔެވުމާހެދި ވަގުތު ނުވެގެންނެވެ. އާމިރަށް ތިރީސް އަހަރު ފުރިއްޖެއެވެ. އާމިރު މީހަކާ ކައިވެނި ނުކޮށް ހުރީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ވެސް ކިޔެވުން މާ މުހިންމުވީ ހެއްޔެވެ؟ ނޫނެކެވެ. އާމިރު މާ ކުރިން ކިޔަވައި ނިމިގެން އަތުވެއްޖެއެވެ. ވީމާ އާމިރު ކަހަލަ ރީތި، މުއްސަނދި މީހަކާ އިންނާނެ އަންހެންކުދިން ނުވެއެއް ނުދާނެއެވެ. ކިތަންމެ ދަންނަކަމަށް އާބިދާ ހީކުރިޔަސް އާމިރުގެ ނޭނގޭ ކަންތައްތަކެއް ހުރިކަން އާބިދާއަށް ވިސްނެން ފެށިއެވެ.
ދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. އާބިދާ އިނީ ސޯފާގައި އާމިރުގެ އިންތިޒާރުގައެވެ. އާދައިގެމަތިން ދާނިޔާ އޮތީ ކޮޓަރީގައެވެ. ހަފީޒާ ދެއްކި ވާހަކަތަކުގެ ސަބަބުން އާބިދާގެ ހިތަށް ޒާތެއްގެ ބިރުވެރިކަމެއް ވެސް ވަނީ ވަދެފައެވެ. ކަންތައްތަކާ ކުރިމަތިލާން ހުރީ އާބިދާ އެކަންޏެވެ. އާބިދާ ވަރިކުރިފަހުން ރާޝިދު އުޅެނީ އެހެން ގެއެއްގައެވެ. ފިކުރުގެ ފުން ކަނޑެއްގެ ތެރެއަށް ފެތެމުންދަނިކޮށް ކުއްލިއަކަށް ދޮރު ހުޅުވައިލައިފައި އާމިރު ވަނެވެ. އާބިދާ ފެނުމުން ހިނިތުންވެލިއެވެ. ޖަވާބުގައި ހިނިތުންވާކަށް އާބިދާއަކަށް އެ ފަހަރު ފަސޭހައެއް ނުވިއެވެ. އެހެންނަމަވެސް ހިނިތުންވެލިއެވެ.
"އާމިރު އައިސްބަލަ މިކޮޅަށް،" އާބިދާ އެދުނެވެ. "އިށީނދެބަލަ!"
އާމިރު ކުޑަކޮށް ހައިރާންވިއެވެ. އާބިދާ ދުވަހަކު ވެސް އެ ގޮތަށް އާމިރަށް ނުގޮވާތީއެވެ. އާމިރު މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. އާބިދާ ވާހަކަ ފެށީ ތަންކޮޅެއް ދުރުންނެވެ. ކުޑަކޮށް ވެސް އާމިރަށް ޝައްކު ނުވާނެ ކަހަލަ ގޮތަކަށް ވާހަކަދައްކަމުން ގޮސް އާބިދާ ބޭނުންވި މިސްރާބަށް ވާހަކަ ބަދަލުކޮށްލިއެވެ.
"އާމިރު ނުވިސްނަންތަ ދާނިޔާއާ ރުޅިވާކަށް؟" އާބިދާ އެހިއެވެ. "ދާނިޔާގެ ބަލި ދުވަހަކު ވެސް ރަނގަޅެއް ނުވިއެއްނު. ޔަގީން ދާނިޔާއަށް ވުރެ މާ ރަނގަޅު ކުދިން އާމިރަށް ލިބޭނެކަން. ދާނިޔާއަކީ އާމިރު އެންމެ ފުރަތަމަ ރައްޓެހި ކުއްޖާތަ؟"
އާބިދާ ދުވަހަކު ވެސް އެ ކަހަލަ ސުވާލެއް ނުކުރެއެވެ. ޖަވާބުދޭން އާމިރަށް އުނދަގޫވީ އެހެންވެއެވެ.
"ހާދަ އެހެން ކަހަލަ ސުވާލެއް ތި އެއްސެވީ،" އާމިރު ބުންޏެވެ. "ކިހިނެއްތޯ ވީ؟"
"ކަމެއްނުވޭ!" ނުތަނަވަސްކަން ފޮރުވަމުން އާބިދާ ބުންޏެވެ. "ދެން ހަމަ އަހާލީ. ދާނިޔާއާ ރައްޓެހިވެގެން އުޅޭއިރު، ދާނިޔާގެ މަންމަގެ ހައިސިއްޔަތުން އަހަރެން ޖެހޭނެއްނު ކުޑަކޮށް އަހާލާ ބަލާލާ ހަދާލަން. ދާނިޔާގެ ބައްޕައަކަށް ވެސް ވާން މި ޖެހެނީ މަންމަ ވިއްޔަ. ދާނިޔާއާ ތި ރައްޓެހިވީ އަލަށްތަ؟"
އާމިރު ކޮންމެހެން ދޮގުހަދާކަށް ބޭނުމެއް ނުވިއެވެ.
"ނޫން! ދެ ތަޖުރިބާކޮށްފިން،" އާމިރު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު ދާނިޔާ ކަހަލަ ކުއްޖަކާ ދިމައެއް ނުވޭ! ފުރަތަމަ ރައްޓެހިވި ކުއްޖާ ކުއްލިއަކަށް ނިޔާވީ. ދެން ރައްޓެހިވި ކުއްޖާ ރުޅިވީ."
"އެއީ ރާއްޖެއިން ބޭރު ކުދިން ދޯ؟" އާބިދާ ސުވާލުކުރިއެވެ.
އަރީކާއާއި ތޫމާއަކީ ކާކުކަން އާބިދާއަށް އޮޅުންފިލާ ވަރަށް އާމިރު ކިޔައިދިނެވެ. އެކަމަކު، އެ ހިސާބުން އާބިދާ ނިންމާލީކީ ނޫނެވެ. އެ ކުދިންގެ މައިންބަފައިންގެ މައުލޫމާތު ވެސް އޮޅުންފިލުވިއެވެ. ވީހާ ވެސް ދުރުދުރުންނެވެ. ނަސީބު ދިމާކުރި ގޮތުން އާމިރު ރައްޓެހިވި ތޫމާއަކީ ހަބީބާގެ ދަރިއެކެވެ. ހަބީބާއާއި އާބިދާގެ ރަހުމަތްތެރިކަން ބޮޑުވެފައިވަނީ ދަރިފުޅު ބަލާ އިސްކޫލުދޮށަށް ދިޔަ ދުވަސްވަރުގައެވެ. ފަހުން އާބިދާގެ ގެއަށް ވެސް ހަބީބާ މަދުމަދުން އާދެއެވެ. އާމިރު ދިޔުމުން ކޮޓަރިއަށް ވަދެފައި ހަބީބާއަށް އާބިދާ ފޯނުކުރިއެވެ.
"ކުޑަ އެއްޗެއް އަހާލަންވެގެން އިނގޭ،" ރާގުން ނުތަނަވަސްކަން ފާޅުނުވާނެ ކަހަލަ ގޮތަކަށް އާބިދާ ބުންޏެވެ. "ތޫމާއާ ރައްޓެހިވިތަ އާމިރު ކިޔާ ކުއްޖެއް؟ ކީއްވެ ދެ ކުދިން ރުޅިވީ؟"
"އާނ! އާމިރު ކިޔާ ކުއްޖަކާ ތޫމާ ރައްޓެހިވި. ގާތްގަނޑަކަށް..." ހަބީބާ ވިސްނައިލައިފައި ބުންޏެވެ. "ވަރަށް ގިނަ ދުވަހު ރައްޓެހިވެގެން އުޅުނު. އޭރު ތޫމާ ވަރަށް ބަލިކޮށް އުޅުނީ. އޭނައަށް ވާގޮތެއް ނޭނގޭ. ރާއްޖޭގެ ޑޮކްޓަރުންނަށް ދައްކާ، ރާއްޖެއިން ބޭރު ޑޮކްޓަރުންނަށް ދައްކައިގެން ވެސް ހަމަ އެއްކަމެއް ވެސް ނުވި. ހާދަހާ ޓެސްޓެއް ހެދީމޭ. އާމިރާ ރައްޓެހިވިތަނާ ލައިގަތް ބަލިގަނޑުން ސަލާމަތް ނުވެގެން އުޅެނިކޮށް، އެންމެ ފަހުން އާމިރާ ގުޅުން ކެނޑުނީ. ވެދާނެ އެހާ ބަލިކުއްޖަކާ ގުޅިގެން އުޅެން އާމިރު ބޭނުން ނުވީކަމަށް ވެސް. ގުޅުމެއް ދަމަހައްޓާނެހާ ހިތްވަރު ވެސް ތޫމާއަށް ނުލިބުނީ. ނަސީބަކުން އާމިރާ އޮތް ގުޅުން ކެނޑޭއިރަށް ތޫމާގެ ބަލިގަނޑު ފިލައިފި. އިތުރު އެއްވެސް ކަމެއް ވެސް ނުކުރަން ހަމަ ޓަސްލާފަ ރަނގަޅުވީ. މިހާރު ބަރާބަރު. މީހަކާ އިނދެގެން މިހާރު ދަރިޔަކު ވެސް އެބަހުރި."
އާބިދާގެ ބޮލުގައިރިއްސައިލީ އެ ހިސާބުންނެވެ. ދާނިޔާ ބަލިވީ އާމިރާ ރައްޓެހިވި ހަފުތާގައެވެ. ދާނިޔާއަށް ވެސް ވީ ގާތްގަނޑަކަށް ތޫމާއަށް ވީ ކަހަލަ ގޮތްތަކެކެވެ. އާބިދާ އަލުން ހަފީޒާއަށް ގުޅިއެވެ. އެ ވާހަކަތައް ކިޔައިދިނެވެ.
"އާމިރަށް އަސްލު ކިހިނެއްވެފަ އެހެރީ؟" އާބިދާ ސުވާލުކުރިއެވެ. "ކޮބައިތަ އޭނަގެ މައްސަލައަކީ؟"
"އާބިދާ ނޭނގެ ގަބޫލުކުރާނެކަމެއް. އެކަމަކު އެ ފިރިހެންކުއްޖަކީ ވަރަށް ސުންޕާ ކުއްޖެއް،" ހަފީޒާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "އޭނަޔާ އެކުގަ އެއްވެސް އަންހެންކުއްޖަކަށް ނޫޅެވޭނެ. ދިރިއުޅުމެއް ވެސް ނުލިބޭނެ. އެހެންވެގެން އަހަރެން މި ބުނަނީ އޭނަ ކައިރިން ދަރިފުޅު ސަލާމަތްކުރާށޭ. ދާނިޔާ އަބަދު ބަލިވާތީއެއްނު ތި އުޅެނީ. މިހާރު ވެސް އެ ދެ މީހުން ދުރުކޮށްބަލަ ވާ ގޮތް ބަލައިލަން. ދެތިން ދުވަސް ތެރޭގަ ދާނިޔާ ގަދަވާނެ."
ލިބުނު މައުލޫމާތަށް ބަލައިފައި، ހަފީޒާގެ ވާހަކަތައް ގަބޫލުނުކުރަންވީ ސަބަބެއް އާބިދާއަކަށް ނުވިސްނުނެވެ.
"ކިހިނެއްހޭ ތި ހުރިހާ ކަމެއް ހަފީއަށް އެނގެނީ؟" އާބިދާ އެހިއެވެ.
"އަހަރެން ވެސް އެއްޗެހިތަކެއް ކިޔަވާ ދަސްކޮށްފަ ހުރީމަ އަހަންނަށް ވެސް އެނގޭނެތާ،" ހަފީޒާ ޖަވާބުދިނެވެ. "އޭނައަކީ ކުޑައިރުއްސުރެ ޖިންނިއެއް އަވަލަވައިފަ ހުރި ފިރިހެނެއް. އެ ޖިންނި އަޅައިގަނެގެން އުޅޭތީ، އެއްވެސް އަންހެނަކާ އެ އާމިރު ރައްޓެހިވެގެން އުޅުނަކަ ނުދޭނެ. ބުނަން ނޭނގޭ، ފަރުވާ ނުދެވޭ އެތައް އުނދަގޫތަކެއްގަ ކޮންމެ އަންހެންކުއްޖަކު ވެސް އުޅޭނީ. ދާނިޔާއަށް ވެސް ޖެހިގެން އެ އުޅެނީ އެ ކަންތައްގަނޑު."
އާބިދާ އެ ވާހަކަތައް ގަބޫލުކުރިއެވެ. ބޭނުން ވަރަށް ހެކި ލިބިއްޖެއެވެ.
"އެކަމަކު ހަފީއަށް އެނގޭނެ އަހަރެން ގޮސް ދާނިޔާ ގާތުގަ، އާމިރާ ޖިންނި އަވަލަވައިފައޭ ހުރީ އެހެންވެޔޭ ތި ބަލިވަނީ، އާމިރާ ރުޅިވާށޭ ބުނާއިރަށް ހީވޭތަ ދާނިޔާ ރުޅިވާނެހެން؟" އާބިދާ ނުތަނަވަސްކަމާ އެކުގައި ބުންޏެވެ. "ގަބޫލު ވެސް ނުކުރާނެ. އެއީ ޒަމާނީ ކުދިން. ޖިންނިޔާ، އަވަލެވުމާ، ދެވިހިފުމާ މި ހުންނަނީ މިހާރުގެ ކުދިންނަށް ފުލޯކު ވާހަކަ. އަހަންނަށް މިހާރު ގަބޫލުކުރެވިއްޖެ! އެކަމަކު ދާނިޔާ ސަލާމަތްކުރާނެ ގޮތެއް ނޭނގެނީ. ހަފީ އެ ކަން ކޮށްދީބަލަ!"
ހަފީޒާގެ ފަރާތުން ލިބުނީ ކަންބޮޑުވާ ކަހަލަ ޖަވާބެކެވެ.
"އެހާ ގިނަ ޒަމާންވެފަ ހުންނަ އެ ކަހަލަ ކަންތައްތަކަށް ހައްލު ހޯދާކަށް ގައިމުވެސް އަހަންނަކަށް ނޭނގެ،" ހިތާމަޔާ އެކުގައި ހަފީޒާ ބުންޏެވެ. "އެންމެ ރަނގަޅު ގޮތަކީ އެ ފިރިހެންކުއްޖާ ކައިރިން ދާނިޔާ ދުރުކުރުން. އޭނަޔާ އިނދެގެން ދާނިޔާއަކަށް ދިރިއުޅުމެއް ނުލިބޭނެ. ދަރިޔަކު ވިހެޔަކަ ވެސް ނުދޭނެ. ހަމަޖެހިގެން އުޅުނަކަ ވެސް ނުދޭނެ. މިހާރުވާ ދޭތެރެއަކުން ދާނިޔާއަށް ތެދުވެ އުޅެވޭތާ. އިނދެފިއްޔާ އޮންނާނީ އެނދަށް ވައްޓާލާފަ. ތެދުވިޔަ ވެސް ނުދޭނެ. ކުޑައިރުއް ސުރެ އެ ޖިންނި އެ އުޅެނީ ފިރިހެންކުއްޖާޔާ އަޅައިގަނެގެން. ވަރަށް މޮޅު މީހެއް ގާތަށް ގޮސް ރުޤްޔާކޮށްގެން ނޫނީ އެ ފިރިހެންކުއްޖާ ސަލާމަތެއް ނުކުރެވޭނެ. އާދަޔާ ޚިލާފަށް ރީތި ފިރިހެނުންނާ އާދަޔާ ޚިލާފަށް ރީތި އަންހެނުންނާ ރައްޓެހިވާންޖެހޭނީ ވަރަށް ވިސްނާފަ."
ހުރިހާ ކަމެއް ރަނގަޅަށް އޮޅުންފިލުމުން ދަރިފުޅު ސަލާމަތްކުރަން އާބިދާ މަސައްކަތް ފެށިއެވެ. ސަބަބު ނުބުނެ ދާނިޔާ ގޮވައިގެން ރާއްޖެއިން ބޭރަށް ފުރަން މަސައްކަތްކުރިއެވެ. ދާނިޔާގެ ހިތްވަރެއް ނެތެވެ. އާމިރާ ދުރަށް ދާކަށް ދާނިޔާ ބޭނުމެއް ނޫނެވެ. ހަގީގީ މައްސަލައަކީ އާމިރު ކަމެއް ދާނިޔާއަކަށް ނުވިސްނެއެވެ. ބޭޒާރަކާ ކުރިމަތިލާން އެ ވާހަކަ ދައްކާކަށް އާބިދާއަކަށް ނުކެރުނެވެ. ދެން ކުރެވެންހުރި ހުރިހައިކަމެއް އާބިދާ ކުރިއެވެ. ކޮންމެ ނަމާދަކުން ފައިބައިފައި ދުޢާކުރެއެވެ. އަނެއްކޮޅުން، ހަފީޒާ ކިޔައިދިން ވާހަކަތަކުގެ ސަބަބުން އާބިދާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އާމިރު ގެއަށް ވަދެގެން ދާއިރު އާބިދާ ބަލަނީ ވައްކަޅިންނެވެ. އާބިދާ ދެކޭގޮތުގައި އާމިރުގެ ފަހަތުގައި އެ ޖިންނި ހުންނާނެއެވެ. އާބިދާއަށް ނުފެންނަނީއެވެ. ގެއަށް ޖިންނިއެއް ވަދެގެން ދާކަން އެނގޭއިރު ހަމަޖެހިލައިގެން އިނދެވޭނީ ކާކަށް ހެއްޔެވެ؟ ސޯފާގައި އިންނައިރު ވެސް އާބިދާ އިންނަނީ ކޮންމެވެސް ދުޢާއެއް ކިޔަވާށެވެ. އާމިރު ގޭގައި އުޅޭހާ ހިނދަކު އާބިދާގެ ތުންތެޅުވުމެއް ނުހުއްޓެއެވެ. ދާނިޔާއަކީ ހިތަށްއެރި ފަހަރަކު ނަމާދުކުރާ ކުއްޖެކެވެ. ޤުރުއާން ކިޔެވުމަކަށް ޝައުޤުވެރިކަމެއް ނުހުރެއެވެ. ދުޢާގައި ބާރު ހުންނަކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ދީނީ ނަސޭހަތް އަޑުއެހުމާއި ނަމާދުކުރަން ބުނާ މީހާ ދެކެ ވެސް ދަނިޔާ އަންނަނީ ރުޅިއެވެ. ހަގީގީ މައްސަލައަކީ އެއީއެވެ.
އާބިދާ ހުރީ، ކޮންމެވެސް ކަމެއްވެގެން އާމިރު ދެކެ ދާނިޔާ ފޫހިވާނެ ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ގަދަބާރުން ދެ މީހުން ދުރުކުރަން އުޅެފިއްޔާ ހުރިހާ ދެރައެއް ލިބޭނީ އާބިދާއަށެވެ. ދުރުކުރަން އުޅޭކަން އެނގިއްޖެއްޔާ އިނދެފައި ނޫނީ ދާނިޔާ ނޭވައެއް ނުލާނެއެވެ. ދަރިފުޅުގެ މިޒާޖު އާބިދާއަށް ރަނގަޅަށް އެނގެއެވެ. އެކަމަކު އާމިރާއި ދާނިޔާގެ ލޯތްބަށް ހީނަރުކަމެއް ނައެވެ. ކިތަންމެ ހާލުގައި ދާނިޔާ އުޅުނު ނަމަވެސް އާމިރުގެ ޝަކުވާއެއް ނެތެވެ. ބައެއް ރޭރޭ ދާނިޔާގެ ހާލުބޮޑުވެގެން ހޮސްޕިޓަލަށް ގެންދަންޖެހެއެވެ. އެ ތަނަށް ވެސް އާމިރު ދެއެވެ.
ނުނިމޭ