ކަލާޒަށް އަނެއްކާ ވެސް ތަފާތު ސިލްސިލާއެއް
ކަލާޒަށް އަނެއްކާ ވެސް ތަފާތު ސިލްސިލާއެއް

ގޭތެރޭގައި ޖެހޭ ކޫސަނި މައްސަލަތަކަށް ޓީވީ ސިލްސިލާތައް އުފައްދަން މަޝްހޫރު އިންޑިއާގެ ޗެނެލްތަކުގެ އުފެއްދުންތަކަށް މި ފަހަކަށް އައިސް އަންނަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން ތަފާތު ޖޯންރާތަކަށް ގެނެސްދޭ ސިލްސިލާތައް މި ފަހުން އިތުރުވެ، އެފަދަ އުފެއްދުންތަކުގެ މަގުބޫލުކަން ވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ.

ދިވެހިން އާންމުކޮށް ބަލާ ކަލާޒް އާއި ސްޓާ ޕްލަސް ފަދަ ޗެނެލްތަކުން މިހާރު ގެނެސްދޭ ސިލްސިލާތަކުގެ ތެރޭގައި ތަފާތު ޝޯތައް އެބަ ހިމެނެ އެވެ. އޭގެ ތެރޭގައި ތާރީހީ ހާދިސާތައް ކިޔައިދޭ ޝޯތަކާއި ސުޕަނެޗުރަލް/ފެންޓަސީ އަދި ކްރައިމް ތުރިލާތައް ހިމެނެ އެވެ.

އެގޮތުން ކަލާޒްގެ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" އާއި ސްޓާ ޕްލަސްގެ "ގަޔާމަތު ކީ ރާތު" ގެ އިތުރުން "ނަޒަރު" އަދި ކަލާޒްގެ ތާރީހީ ސިލްސިލާ "ދާސްތާނޭ މުހައްބަތު" ފަދަ ސިލްސިލާތައް ފާހަގަކޮށްލެވެ އެވެ.

ކަލާޒުން މިހާރު އަންނަނީ އަނެއްކާ ވެސް ސުޕަނެޗްރަލް ސިލްސިލާއެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ. މީގެ ނަމަކީ "ވިޝް ޔާ އަމްރިތު-ސިތާރާ" އެވެ. ވަރަށް ތަފާތު ވާހަކައަކަށް ގެނެސް ދޭ މި ސިލްސިލާގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ލަވީނާ ޓަންޑަން އާއި ޝިލްޕާ ސަކްލާނީ އެވެ.

"ވިޝް ޔާ އަމްރިތު-ސިތާރާ" އަންނަ މަހުގެ ތެރޭގައި ދައްކަން ފަށަން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މީގެ ފުރަތަމަ ޕްރޮމޯ މިހާރު ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. އެއިން ފެންނަ ގޮތުގައި މިއީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމައި ގަންނަ ކަހަލަ އެއްޗަކަށް ވާނެ އެވެ.