27 އޮކްޓޯބަރ 2018 - 10:53

ކޮލަމްބޯ (އޮކްޓޯބަރު 27) - ބޮޑު ވަޒީރުކަމުގެ މަގާމުން ރޭ ދުރުކުރި ނަމަވެސް ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުންނެވުމަށް ރަނިލް ވިކްރަމަސިންހަ ދެކޮޅު ހައްދަވައިފި އެވެ.
މަގާމުން ވަކިކުރުން ގަބޫލްކޮށް މަގާމު ދޫކުރައްވައި ރަސްމީ ގެކޮޅުން ނުކުތުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ވަނީ ރަނިލް އަށް ރަސްމީކޮށް ނޯޓިސް ވެސް ފޮނުވައިފަ އެވެ. ރަނިލް މަގާމުން ވަކިކުރުމަށް ފަހު ސިރިސޭނާ ވަނީ ބޮޑު ވަޒީރުކަމުގެ މަގާމަށް ކުރީގެ ބާރުގަދަ ރައީސް މަހިންދާ ރާޖަޕަކްސާ އައްޔަން ކުރައްވައިފަ އެވެ. އަދި އެ ބަދަލު ވަނީ ގެޒެޓްކޮށްފަ އެވެ.
ނަމަވެެސް ރަނިލް ވަނީ ބޮޑު ވަޒީރުގެ ގެއިން ނުކުންނެވުމަށް ދެކޮޅު ހައްދަވައި އެމަނިކުފާނަކީ އަދިވެސް ބޮޑު ވަޒީރު ކަމަށް ވިދާޅުވެ ސިރިސޭނާ އަށް މިއަދު ސިޓީއެއް ފޮނުއްވައިފަ އެވެ.
ރަނިލް ވިދާޅުވީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް ކަމަށެވެ. އަދި ޕާލަމެންޓުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ ޔޫއެންޕީ އަށް ކަމަށްވާއިރު އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މި މުޚާތަބު ކުރަނީ ބޮޑު ވަޒީރުގެ ހައިސިއްޔަތުން. އަޅުގަނޑު ހުންނާނީ ބޮޑު ވަޒީރުގެ ގޮތުގައި. އަދި މަސައްކަތް ކުރާނީ ވެސް ބޮޑު ވަޒީރުގެ ގޮތުގައި،" ކޮލަމްބޯގައި ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވި އެވެ.
ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިން ނަމަވެސް އަދިވެސް ކެބިނެޓް އެކުލަވާލައިފައެއް ނުވެ އެވެ. ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑު ވަޒީރު މަގާމުން ދުރުކޮށްފި ނަމަ ސަރުކާރު އުވޭނެ އެވެ.
ރަނިލް ވަނީ މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިއާގެ އެހީ އަށް އެދިވަޑައިގެންފަ އެވެ. ޕާލަމެންޓުގެ ރައީސް ވަނީ ބޮޑު ވަޒީރުގެ ގޮތުގައި ރާޖަޕަކްސާ ބަލައިގަތުމާ މެދު ގާނޫނީ ލަފާ މިއަދު ހޯދުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕާލަމެންޓުގެ ބައްދަލުވުމެއް ދެން އެންމެ އަވަހަށް ވެސް އޮންނާނީ ނޮވެމްބަރު 5 ވަނަ ދުވަހު އެވެ. ޕާލަމެންޓުން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް އަށެވެ. ގާނޫނީ މައްސަލަތައް ހައްލު ކުރުމުގެ ބާރު ލިބިގެންވާ ސުޕްރީމް ކޯޓް، ހަފުތާ ބަންދަށް ފަހު ދެން ހުޅުވާނީ ހޯމަ ދުވަހު އެވެ.
ކޯލިޝަން ސަރުކާރުން ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ވަކިވުމަށް ފަހު ބޮޑު ވަޒީރު މަގާމުން ދުރުކޮށް އެ މަގާމަށް ރާޖަޕަކްސާ ރޭ އައްޔަން ކުރީ ވަރަށް ކުއްލި ގޮތަކަށެވެ.
ހުވާ ކުރެއްވުމަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރާޖަޕަކްސާ ވަނީ ރަނިލް މަގާމުން ވަކިވުމަށް ގޮވާލައްވައިފަ އެވެ.
"އެ ޕާޓީގެ މެންބަރުން ވެސް ޑިމޮކްރެސީ އާއި ގާނޫނުތަކަށް އިހްތިރާމް ކުރަން ވާނެ،" ކޮލަމްބޯގައި ރާޖަޕަކްސާ ހުންނަވާ ގޭގެ ބެލްކަނީން ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަނުޖެހުމަށް ތަން ނުދީ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައިފަ އެވެ.