އަހަރުތަކަކަށް ފަހު ސެލީނާ ޖެއިޓްލީ އަލުން ސްކްރީނަށް
އަހަރުތަކަކަށް ފަހު ސެލީނާ ޖެއިޓްލީ އަލުން ސްކްރީނަށް

މިހާރު ސްކްރީނުން ގެއްލިފައިވާ ބަތަލާ އަދި ކުރީގެ މިސް އިންޑިއާ ސެލީނާ ޖެއިޓްލީ އަހަރުތަކަކަށް ފަހު އަނެއްކާ ވެސް ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރަން ނިންމައިފި އެވެ.

އަހަރުތަކަކަށް ފަހު ސެލީނާ ޖެއިޓްލީ އަލުން ސްކްރީނަށް
އަހަރުތަކަކަށް ފަހު ސެލީނާ ޖެއިޓްލީ އަލުން ސްކްރީނަށް

ދުބާއީގެ ވިޔަފާވެރިޔަކާ ކައިވެނިކޮށްގެން ދެ ދަރިން ވެސް ލިބިފައިވާ ބަތަލާ އެނބުރި ބޮޑު ސްކްރީނަށް އަންނަން ނިންމާފައިވާ އިރު، އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވެސް ދުބާއީގަ އެވެ.

މީގެ ހަ އަހަރު ކުރިން ރިލީޒްކުރި "ވިލް ޔޫ މެރީ މީ؟" އަށް ފަހު، ސެލީނާ ކުޅެން ނިންމާފައިވާ ފިލްމަކީ މަރުވެފައިވާ މަޝްހޫރު ބެންގާލީ ޑައިރެކްޓަރު ރިތުޕަރްނާ ގޯޝް އަށްދޭ ޓްރިބިއުޓެއްގެ ގޮތުގައި ހަދާ "އަ ޓްރިބިއުޓް ޓު ރީތުޕަރްނާ ގޯޝް: ސީޒަން ގްރީޓިންސް" އެވެ. މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ ރާމް ކަމަލް މުކަރްޖީ އެވެ.

ފިލްމުގެ މައިގަނޑު ވާހަކައަކީ އަންހެން ދަރިއަކާއި މަންމައަކާ އޮންނަ ގުޅުމެވެ. "ސީޒަން ގްރީޓިންސް" ގައި ދަރިފުޅުގެ ރޯލު ސެލީނާ ކުޅޭ އިރު، އޭނާގެ މަންމަގެ ރޯލުން ފެނިގެން ދާނީ ލިލީތާ ޑޫބޭ އެވެ.

ފިލްމާ ބެހޭ ގޮތުން ސެލީނާ ބުނީ ދުބާއީގައި ރާމް އޭނާ އަށް ސްކްރިޕްޓް ނެރޭޓްކޮށް ދިނުމުން އެ އަޑު އަހާފައި ފެންކަޅިވި ކަމަށެވެ. އަދި ފިލްމަށް ވަގުތުން އެއްބަސްވި ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ނެރުނު ހެމާ މާލިނީގެ ބައޮގްރަފީ "ހެމާ މާލިނީ: ބިޔޯންޑް ދަ ޑްރީމް ގާލް" ގެ ލިޔުންތެރިޔާ އަށް ތައުރީފު ކުރަމުން ސެލީނާ ބުނީ މިއީ އެނބުރި ބޮޑު ސްކްރީނަށް އަންނަން އެންމެ ރަނގަޅު ފިލްމަށް ވާނެ ކަމަށެވެ.

"ސްކްރިޕްޓް ވެސް ވަރަށް ވެސް ފުރިހަމަ. އަހަރެން އެ އަޑު އަހާފައި ގައިން ހީބިހި ނެގި. ވަރަށް އުފާވެއްޖެ މި ފިލްމު ކުޅެން ރާމް ފުރުސަތު ދިނީތީ ވެސް،" ސެލީނާ ބުންޏެވެ.

"އަ ޓްރިބިއުޓް ޓު ރިތުޕަރްނާ ގޯޝް: ސީޒަން ގްރީޓިންސް" ގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާނީ ރިތޫޕަރްނާގެ އުފަން ސިޓީ ކަލްކަތާގަ އެވެ. "ޗޯކަރްބާލީ" އާއި "ރެއިންކޯޓް" ފަދަ އެތައް ފިލްމެއް ގެނެސް ދިން ރިތޫ މަރުވީ ހާޓްއެޓޭކެއް ޖެހިގެން 2013 ގަ އެވެ.

ދެހާސް ތިނެއްގެ ފިލްމު "ޖާނަޝީން" ބޮލީވުޑަށް ތައާރަފުވި ސެލީނާ، 36، ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ނޯ އެންޓްރީ"، "އަޕްނާ ސަޕްނާ މަނީ މަނީ" އަދި "ގޯލްމާލް ރިޓާންސް" ފާހަގަކޮށްލެވެ އެވެ.