27 އޮކްޓޯބަރ 2018 - 15:59

ވިލާ ކޮލެޖުން ހިންގާ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިިންގްލެންޑް (ޔޫވީ) ގެ ޕްރޮގްރާމްތަކުން 319 ދަރިވަރުން މިއަދު ގްރެޖުއޭޓްވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި އެ ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމާއި ޔޫވީގެ ވައިސް ޗާންސެލަރު ޕްރޮފެސަރު ސްޓީވް ވެސްޓް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ މީގެ 11 އަހަރު ކުރިން ވިލާ ކޮލެޖު އުފެއްދީ ވެސް ރާއްޖޭގައި ތިބެގެން ބޭރުގެ ފެންވަރު ރަނގަޅު ޕްރޮގްރާމްތައް ކިޔަވައިދިނުމަށް ކަމަށެވެ. އެކަމުގެ ފައިދާ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ދަރިވަރުންނަށް ކޮށްފައިވާ ކަން އަންވަރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލާ ކޮލެޖާއި ޔޫވީ ގުޅުމަކީ އެ ކޮލެޖަށް ލިބުނު ވަރަށް ބޮޑު އެހީއަކާއި ބޮޑު ކުރިއެރުމެކެވެ.

އެ ކޮލެޖުގައި ޔޫވީ ކޯސްތައް ފުރަތަމަ ފެށީ ހަތަރު ޕްރޮގްރާމާ އެކު 2015 ވަނަ އަހަރެވެ. ނަމަވެސް މިހާރު ތަފާތު އެކި ލެވެލްގެ 24 ޕްރޮގްރާމަކަށް ކިޔަވައިދެމުން އަންނަކަން ވެސް އަންވަރު ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ޔޫވީގެ ފަސް ކޯހަކުން 131 ދަރިވަރުން ގްރެޖުއޭޓްވެފައި ވިއަސް މިއަހަރު އެ އަދަދު ވަނީ 319 އަށް އިތުރުވެފަ އެވެ. އެއީ 14 ޕްރޮގްރާމަކުންނެވެ. އޭގެ ތެރެއިން 75 ދަރިވަރުންނަކީ މާލޭން ބޭރުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރި ދަރިވަރުން ކަން އަންވަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ޔޫވީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ސްޓީވް ވެސްޓް ވިދާޅުވީ މިއަދަކީ އެ ޔުނިވާސިޓީގެ ޕްރޮގްރާމްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް ތާރީހީ ދުވަހެއް ކަމަށެވެ. އަދި މަތީ ތައުލީމް ހާސިލްކޮށްދިނުމަށް ގާސިމް ކޮށްދެއްވަމުން އަންނަ މަސައްކަތްތަކަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރަނގަޅު ނަތީޖާ ހޯދައިގެން އަށް ދަރިވަރަކަށް ކޮލެޖް މެޑަލް ދީފައި ވެ އެވެ. އަދި ގާސިމް އިބްރާހިމްގެ އެވޯޑު ހަ ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ.
