އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނި އަންނަ އަހަރު
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ކައިވެނި އަންނަ އަހަރު

ބޮލީވުޑްގައި މަޝްހޫރުގެ ތަރިންތަކެއްގެ ކައިވެނީގެ ވާހަކަތައް މި ދުވަސްކޮޅު ވަރަށް ގަދައަށް ދެކެވެމުން އަންނަނިކޮށް، ޒުވާން އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ވެސް އަންނަ އަހަރު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުންގެ ގާތް ބައެއް މީހުންނާ ހަވާލާދީ ފިލްމްފެއާ އިން ބުނީ ދެ ތަރިން އަންނަ އަހަރު ކައިވެނި ކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެެ. އެކަމަކު ވަކި ތާރީހެއް ނުނިންމި ނަމަވެސް، އަރްޖުން އާއި މަލައިކާ އަންނަ އަހަރު ކައިވެނީގެ ގޮށްޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް ފިލްމުފެއާ އިން ބުންޏެވެ.

މަލައިކާއަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2015 ގައި ރޫޅިފައި ވާއިރު، ލިބިފައިވާ ދަރިފުޅު އަރްހާން ހާންގެ އުމުރުން މިހާރު 15 އަހަރެވެ.

މަލައިކާ އާއި އަރްޖުންގެ ލޯބީގެ ވާހަކަ ދެކެވެން ފަށައިފައި ވަނީ އޭނާގެ ކައިވެނި ރޫޅުނު ހިސާބުންނެވެ. އަނެއްކޮޅުން ދެ މީހުން އެކިއެކި އިވެންޓްތަކުން އެކީގައި ފެންނާތީ، ހާއްސަ ގުޅުމެއް އޮންނަ ކަމަށް އަބަދު ވެސް ތުހުމަތު ކުރެވެ އެވެ. އެކަމަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް ދެ މީހުން މިހާތަނަށް އެއްބަހެއް ނުވެ އެވެ.

މި މަހުގެ 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރީ އިޓަލީގެ މިލާންގައި އަރްޖުންއާ އެކީގަ އެވެ. އެ ދަތުރުގެ ތެރޭގައި ދެ މީހުން މިލާންގެ އެއާޕޯޓްގައި އަތުގުޅާލައިގެން އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ވެސް މީޑިއާތަކަށް ތިލަވެފައިެވ އެވެ. އަދި ކަލާޒްގެ ޝޯ "އިންޑިއާ ގޮޓް ޓެލެންޓް" ޝޯގެ ސެޓްގައި އަރްޖުން އާއި މަލައިކާ އަތު ގުޅާލައިގެން ސްޓޭޖަށް އަރައި ނަށައިފައިވާތީ ވެސް، މި ދެ މީހުންގެ ގުޅުން އެކުވެރި ކަމަކަށް ވުރެ ގާތް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ އިޓަލީ ދަތުރު ނިންމާލައިފައި މަލައިކާ އަލުން ޝޯގެ ސެޓަށް ދިއުމުން، "އިންޑިއާ ގޮޓް ޓެލެންޓް" ޖަޖުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރް އިޓަލީ ދަތުރު ކިހިނެއްތޯ އާއި އެ ދަތުރު ދިޔައީ އެކަނިތޯ ސުވާލުކޮށް، މަލައިކާ ދޭ ޖަވާބުގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ކަމެވެ. ކަރަންގެ ހޫނު ސުވާލުގެ ޖަވާބުގައި މަލައިކާ ބުނީ އެ ސުވާލު ހަމަ އަނދަން ދޫކޮށްލާނީ ކަމަށެވެ.

ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ފިރިހެން ދަރިފުޅު އަރްޖުން، 33، ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައިވާ އަދި އޭނާ އަށް ވުރެ ދޮށީ އަންހެނަކާ "ލޯބީގެ" ގުޅުމެއް ބާއްވާތީ ބައެއް މީހުން އެކަމަށް ޖޯކް ވެސް ޖަހާފައިވެ އެވެ.

ނަމަވެސް ލޯތްބަކަށް އުމުރަކީ މުހިއްމު އެއްޗެއް ނޫންކަން ޕްރިޔަންކާ ޗޯޕްޅާ ވެސް ވަނީ ސާބިތުކޮށް ދީފަ އެވެ. އުމުރުން މިހާރު 36 އަހަރުގެ ބަތަލާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަނީ އޭނާ އަށް ވުރެ 10 އަހަރު ހަގު އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ އެވެ.

ކޮންމެއަކަސް އަރްޖުން އާއި މަލައިކާގެ ކައިވެންޏަށް ވެސް ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެވެ. ޖޫން މަހުގެ 26 ގައި ފާހަގަ ކުރި އަރްޖުންގެ 33 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާގެ މާމަ ވެސް ދިން ނަސޭހަތަކީ އަވަހަށް ކައިވެނި ކުރާށޭ އެވެ.

މަލައިކާގެ ކައިވެނީގެ ވާހަކަ ދެކެވެން ފަށާފައިވާ އިރު، ކުރީގެ ފިރިމީހާ އަރްބާޒް މިހާރު އަންނަނީ އިޓަލީގެ މޮޑެލްއެއް ކަމަށްވާ ޖޯޖިއާ އެޑްރިއާނީއާ ޑޭޓް ކުރަމުންނެވެ. އެކަން ޒޫމް ޓީވީ އަށް ކަށަވަރުކޮށް ދެމުން 51 އަހަރުގެ އެކްޓަރު ބުނީ އަވަސް އަރުވާލައިގެން ކައިވެނި ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.