27 އޮކްޓޯބަރ 2018 - 10:47

މެންޗެސްޓާ (އޮކްޓޫބަރު 27) - ބައިނަލްއަގްވާމީ މެޗުތަކުގައި ކުޅުންތެރިންނަށް ލިބޭ އަނިޔާތަކާ ބެހޭގޮތުން ކްލަބްތަކަށް ފުރިހަމަ މައުލޫމާތު ނުދޭ ކަމަށް ބުނެ ގައުމީ ޓީމުތަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔައިފި އެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް މި މަހު ލީގުތައް މެދުކަނޑާލުމުގެ ކުރިން އެންމެ ފަހުން ކުޅުނު މެޗުގައި ޔުނައިޓެޑް ވަނީ ފަހަތުން އަރައި 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ބައިނަލްއަގްވާމީ މެޗުތަކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީއާ ރަށުންބޭރުގައި 2-2 އިން އެއްވަރުވިއިރު، މި ހަފްތާގައި ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ވަނީ ޔުވެންޓަސް އަތުން 1-0 އިން ބަލިވެފަ އެވެ.
މޮރީނިއޯ ބުނީ ކުޅުންތެރިން ގައުމީ ޓީމުތަކުގައި ދިމާވި ކަންތައްތައް އޭނާއާ އެއްވެސް ޓީމެއްގެ ކޯޗެއް ހިއްސާނުކުރާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ޔުވެންޓަސް މެޗުގައި ބޭނުންނުކުރި ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ މެޗުތަކުގައި އަނިޔާވި ކުޅުންތެރިން. ނިއުކާސަލް އަތުން މޮޅުވެފައި އަހަރެމެން ތިބީ އުފަލުން. އެކަމަކު ގައުމީ ޓީމަށް ކުޅުންތެރިން ގޮސް އެނބުރި އައިއިރު ޑަލޮޓް ހުރީ ޕޯޗުގަލް ޓީމުގައި އަނިޔާވެފައި. ފެލައިނީ އަށް ބެލްޖިއަމް ޓީމުގައި އަނިޔާވި. މެކްޓޮމިނޭ އަށް ސްކޮޓްލެންޑްގައި އަނިޔާވި. ސަންޗޭޒަށް ޗިލީގައި އަނިޔާވެއްޖެ،" ހިތްހަމަނުޖެހިފައި ހުރެ މޮރީނިއޯ ބުންޏެވެ.
ފިޓްނަސް މައްސަލަ އުޅޭތީ އިންގްލެންޑުން ވަނީ ލޫކް ޝޯ އަވަހަށް ޓީމުން ރިލީސްކޮށްފަ އެވެ. އަދި ނިމެންޏާ މަޓިޗްގެ ވެސް އަނިޔާގެ ކަންތައްތައް އުޅޭތީ އޭނާ ވެސް ވަނީ ގައުމީ ޓީމުން އެ ވަގުތު ބާކީކޮށްފަ އެވެ. މޮރީނިއޯ ވަނީ އެ ދެ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.
"ބައެއް ގައުމުތަކުން ވަރަށް ޕްރޮފެޝަނަލްކޮށް ކަންތައް ކުރީ. އަހަރެމެންނަށް ވަގުތުން ހަބަރު ފޮނުވި. އެހެންވެ ޝޯ އާއި މަޓިޗަށް މިހާރު އެ ކުޅެވެނީ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ގިނަ ކުޅުންތެރިންގެ އަނިޔާގެ މައްސަލަ ހުރިކަން އެނގުނީ ޓީމަށް އެނބުރި އައި ފަހުން ކަމަށްވާތީ ކުޅުންތެރިންގެ ރިކަވަރީ އަށް މާ ބޮޑު ކަމެއް ނުކުރެވޭ ކަމަށެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުގައި އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ލަނޑެއް ނުޖެހެ އެވެ. މޮރީނިއޯ ބުނީ އެކަމާ ކަންބޮޑުނުވާ ކަމަށާއި ވަރަށް އަވަހަށް ލުކާކޫގެ ފަރާތުން ގިނަ ލަނޑުތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ލީގުގައި ދެން ޔުނައިޓެޑް ކުޅޭ މެޗުގައި މާދަމާރޭ އަމިއްލަ ދަނޑުގައި ކުޅޭނީ ލުކާކޫގެ ކުރީގެ ޓީމު އެވަޓަންއާ އެވެ.