27 އޮކްޓޯބަރ 2018 - 00:03

ފަހު ވަގުތު އަހުމަދު އިމާޒް (އާއްކޮ) ޖެހި ގޯލުން ކްލަބް އީގަލްސް 1-0 އިން ބަލިކޮށް މާޒިޔާ އިން އެ ޓީމު ފަހަތަށް ޖައްސާލައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަރައިފި އެވެ.
މާޒިޔާ 25 ޕޮއިންޓް ހަމަކުރިއިރު އެއް ވަނައިގައި 30 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. މިރޭގެ ނަތީޖާއާ އެކު ތިން ވަނަ އަށް ވެއްޓުނު އީގަލްސް އަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) މިރޭގެ މެޗަށް ނުކުތީ މިއީ ސީޒަނުގެ އެންމެ މުހިއްމު އެއް މެޗު ކަމަށް ދެކިގެން ކަމަށާއި ކުޅުންތެރިންނަށް ވެސް އެކަން ވިސްނައިދިން ކަމަށެވެ.
"މި މެޗުގެ މުހިއްމު ކަމުގެ ވާހަކަ މެޗުގެ ކުރިން ވެސް ވަރަށް ބޮޑަށް ދެއްކިގެން. މިރޭ ކުޅުންތެރިން ދެއްކި ކުޅުމާއި ޖުމްލަކޮށް މުޅި ގޭމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" އިންމަ ބުންޏެވެ.
އެސްޓީއޯ މާލޭ ލީގުގެ ތިން ވަނަ އަށް ގޮސް ކޮންމެވެސް ވަރަކަށް ނަތީޖާތައް ދަށްވި ނަމަވެސް އިންމަ ބުނީ އަބަދުވެސް މާޒިޔާގެ އަމާޒަކީ ލީގު ޗެމްޕިއަންކަން ހޯދުން ކަމަށާއި މިހާރު ދަތުރުކުރަމުން ދަނީ އެ އަމާޒަށް ކަމަށެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގަށް ވާދަކުރާ ނަމަ މި ގެއްލުނީ މުހިއްމު ތިން ޕޮއިންޓް ކަމަށާއި އެކަމަކު އީގަލްސް އޮތް ހާލަތުގެ ގޮތުން އަދި ހަމައެކަނި ވިސްނަނީ މެޗަކަށް ފަހު މެޗެއް ކުރިއަށްދާން ކަމަށެވެ.
"މިރޭގެ މެޗުގެ ކްރެޑިޓް މާޒިޔާ އަށް ހައްގުވޭ. ވަރަށް ރަނގަޅުކޮށް ފެނުނީ މާޒިޔާ. އަޅުގަނޑުމެންގެ ދަށް ދުވަހަކާ މިދިމާވީ. ކުޅުންތެރިން ވެސް ތަންކޮޅެއް ބިރުން ތިބިތަން ފެނުނީ. ވެދާނެ ޓީމުގެ ސްޓްރެންތު ދަށްވީ ކަމަށް ވެސް. ބެންޗުން ވެސް އަރަން ކުޅުންތެރިންތަކެއް ނެތީމާއާ އެފަދަ ކަމެއް ކަމަށް ވެސް،" މޯހަން ބުންޏެވެ.
މިދިޔަ މެޗުތަކުން ގިނަ ގޯލްތަކެއް ޖަހައިގެން ފަސޭހައިގައި މޮޅުވި ޓީމުގެ ކޯޗު ބުނީ މިރޭ ބަލިވުމަކީ ނެގެޓިވް ނަތީޖާއެއް ނޫން ކަމަށާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭތީ އުފާވާ ކަމަށެވެ.
ހުރިހާ ގޮތަކުން ވެސް މާޒިޔާ އިން ރަނގަޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެކަމަކު ޔަސްފާދު ހަބީބް (މުލަކޭ) ފޮނުވާލި ނުރައްކާތެރި އެ ބޯޅައިގެ ހުރަހަކަށްވީ އީގަލްސްގެ ސްރީ ލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. މި ހާފުގެ ފަހު މެޗުގައި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހިލޭ ޖެހުމެއް މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފް މަތަކުރި އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އަނެއްކާ ވެސް މާޒިޔާ އިން ނުރައްކާކުރި އެވެ. އެގޮތުން ގޯލް ކުރިމަތިން މުޅިން ހުހަށް ހުރި ކޮނޭލިއަސް ސްޓެވާޓް ބޮލުން ޖެހި ބޯޅައެއް ގޯލުގެ ކަނާ ދިމާލުން ބޭރަށް ދިޔައިރު ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން ފޮނުވާލި ބޯޅަ ސަލާމަތްކުރީ ސުޖަން އެވެ.
ދެން ފެނިގެން ދިޔައީ އީގަލްސް އިން ގޯލެއް ޖެހުމާ ގާތަށް ދިޔަ މަންޒަރެވެ. އެގޮތުން 59 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން މުޅިން ހުހަށް އަރައި ބޮލުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ދަނޑި މަތިން ދިޔައިރު 69 ވަނަ މިނެޓުގައި ހަސަން ރާއިފް (ހަންނަ) ގޯލަށް ފޮނުވާލި ޝޮޓް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
އެންމެ ފަހުން މާޒިޔާ އިން ނަތީޖާ ނެރުނީ 88 ވަނަ މިނެޓުގަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބަދަލު ކުޅުންތެރިޔާ އާއްކޮ ޖެހުމުން ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ. އިތުރު ވަގުތުގެ ތެރޭ އެއްވަރުކުރަން އީގަލްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މުހައްމަދު އާރިފް (ބަކާ) ގޯލުގެ މަތީ ކަނާ ދިމާލަށް އަމާޒުކުރި ހިލޭ ޖެހުން މާޒިޔާގެ ޒުވާން ގޯލްކީޕަރު ހުސެއިން ހުށިޔާރުކަމާ އެކު ދިފާއުކުރި އެވެ.