ފޯރަމް ބޮއިކޮޓްކުރި ކުންފުނިތައް ވަނީ މައާފަށް އެދިފައި: ސައުދީ
ފޯރަމް ބޮއިކޮޓްކުރި ކުންފުނިތައް ވަނީ މައާފަށް އެދިފައި: ސައުދީ

ރިޔާޒް (އޮކްޓޯބަރު 27) - ސައުދީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް ބޮއިކޮޓްކުރި ކުންފުނިތަކުން ވަނީ މައާފަށް އެދި އަންނަ އަހަރުގެ ފޯރަމްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަންދީފައި ކަމަށް ސައުދީގެ އެނާޖީ މިނިސްޓަރު ޚާލިދު އަލް ފާލިހް ވިދާޅުވެއްޖެ އެވެ.

ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް (އެފްއައިއައި) ގެ ނަމުގައި ރިޔާޒުގައި ތިން ދުވަހަށް ބޭއްވި ވިޔަފާރީގެ ބޮޑު ބައްދަލުވުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބޮއިކޮޓް ކުރީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީ އަށް ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

"ބައެއް ކުންފުނިތަކުން ފޯރަމްގައި ބައިވެރި ނުވީ ސިޔާސީ ޕްރެޝަރާ ހެދި. ފޯރަމްގައި ބައިވެރި ނުވި ކުންފުނިތަކުން ދިޔައީ ފޯރަމް ނުނިމެނިސް މައާފަށް އެދެމުން. އެ ކުންފުނިތަކުން ދިޔައީ އެ މީހުންގެ އޮފީސްތައް ސައުދީގައި ހުޅުވައި ގުޅުން ރަނގަޅު ކުރާނެ ކަމަށް ބުނަމުން،" ޚާލިދު އަލް ފާލިހް ވިދާޅުވި އެވެ.

ފޯރަމް ނިންމުމުގެ ގޮތުން ބުދަ ދުވަހު ވާހަކަ ދައްކަވަމުން މާލީ ވަޒީރު މުހައްމަދު އަލް ޖަދާން ވިދާޅުވީ ނިމިގެން ދިޔަ ފޯރަމްއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ސައުދީ ފޯރަމްގައި ބައިވެރި ނުވި ފަރާތްތަކުގެ ތެރޭގައި ސީމެންސް، ޖޭޕީ މޯގަން، ފޯޑް، އޫބާ އަދި މީޑިއާ ހައުސްތައް ކަމަށްވާ ސީއެންއެން އާއި ފައިނޭންޝަލް ޓައިމްސް ހިމެނެ އެވެ.