26 އޮކްޓޯބަރ 2018 - 22:11

ކޮލަމްބޯ (އޮކްޓޯބަރު 26) - ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ނޫން ކަމަށާއި އެ މައްސަލާގައި ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.
"މިއީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ނޫން. އެ މައްސަލާގައި އަޅުގަނޑު ކޯޓަށް ދާނަން،" މަގާމުން ދުރުކޮށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިން މައްސަލަ އަށް އިޝާރާތް ކުރައްވައި ރަނިލް ވިދާޅުވި އެވެ.
ރަނިލް ވިދާޅުވީ ސިރިސޭނާގެ ޔުނައިޓެޑް ފްރީޑަމް ޕާޓީ ކޯލިޝަނުން ވަކިވި ނަމަވެސް 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށެވެ.
މަގާމުން ދުރުކުރި އިރު ރަނިލް ހުންނެވީ ދެކުނުގެ ގޯލްގަ އެވެ. އެ ޚަބަރު ލިބިވަޑައިގަތުމާ އެކު ވަނީ ޕާޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެރިރަށް ކޮލަމްބޯ އަށް ވަޑައިގެންފަ އެވެ.
ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ އަދިވެސް ބޮޑު ވަޒީރަކީ އޭނާ ކަމަށެވެ.
މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވެސް ވިދާޅުވެފައި ވަނީ ރަނިލް މަގާމުން ދުރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އެއީ ޑިމޮކްރެސީއާ ޚިލާފު ބަޣާވާތެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން، ބޮޑު ވަޒީރު މަގާމުން ދުރުކުރުމަކީ ރައީސް އަށް ކުރެއްވޭނެ ކަމެއް ނޫނެވެ. ބޮޑު ވަޒީރު މަގާމުން ދުރު ކުރެވޭނީ ޕާލަމެންޓަށެވެ. އެހެންވެ ޕާލަމެންޓުގެ މެޖޯރިޓީ ނެތި އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީ އެއްކޮށްލުމުން ލިބެނީ 95 ގޮނޑި އެވެ. އެއީ ސިމްޕަލް މެޖޯރިޓީއެއް ނޫނެވެ. ރަނިލްގެ ޔޫއެންޕީ އަށް 106 ގޮނޑި ލިބިފައިވާ އިރު އެއީ މެޖޯރިޓީ ހޯދަން ހަތް ގޮނޑި މަދު އަދަދެކެވެ.
ލަންކާ ސަރުކާރަށް މި ކުއްލި ބަދަލު އައިސްފައި މި ވަނީ ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހިފައިވާތާ ދުވަސްތަކެއް ފަހުންނެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދުނީ އިގްތިސާދީ ސިޔާސަތު ހިންގުމާއި ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި ދިމާވާ މައްސަލަތަކުގަ އެވެ. ޚިޔާލު ތަފާތުވުން ތިލަވެފައި ވަނީ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެވެ.
ލަންކާގެ ރައީސްކަމުގެ މަގާމަށް 2015 ވަނަ އަހަރު ސިރިސޭނާ ގެންނައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތަކީ ރަނިލް އެވެ. ރާޖަޕަކްސާގެ ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސިރިސޭނާ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ އެންމެ ފަހު ވަގުތު އެވެ.