ސިންތެޓިކް ޓްރެކުގެ ފުރަތަމަ ރެކޯޑް ފަޒީލަށް!
ސިންތެޓިކް ޓްރެކުގެ ފުރަތަމަ ރެކޯޑް ފަޒީލަށް!

ގައުމީ އެތުލެޓިކްސް މުބާރާތުގައި މިއަދު ހަވީރު 10،000 މީޓަރު ދުވުމުން ގައުމީ ރެކޯޑް އާކޮށް ހުސެއިން ފަޒީލް ހާރޫން، ރާއްޖޭގައި ސިންތެޓިކް ޓްރެކެއްގައި ރެކޯޑެއް ހެދި ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.

ސިންތެޓިކް ޓްރެކުގެ ފުރަތަމަ ރެކޯޑް ފަޒީލަށް!
ސިންތެޓިކް ޓްރެކުގެ ފުރަތަމަ ރެކޯޑް ފަޒީލަށް!

ސަރުކާރުން ހުޅުމާލޭގައި މި އަހަރު އެޅި ޓްރެކުގައި ބާއްވާ ފުރަތަމަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުގެ ފަޒީލް ރެކޯޑް އާކުރީ 33.34 މިނެޓުން ދުވެގެންނެވެ. މި ރެކޯޑް ކުރިން އޭނާގެ އަތުގައި އޮތީ އިންޑިއާގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 34.21 މިނެޓުން ދުވެގެންނެވެ. ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސެއިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރު ހެދި ރެކޯޑް ފަޒީލް މިދިޔަ އަހަރު މުގުރާލީ 28 އަހަރަށް ފަހު އެވެ.

ސިންތެޓިކް ޓްރެކުގެ ފުރަތަމަ ރެކޯޑް ފަޒީލަށް!
ސިންތެޓިކް ޓްރެކުގެ ފުރަތަމަ ރެކޯޑް ފަޒީލަށް!

މި ރާސްތާގެ ޓްރެކުން ބޭރު އިވެންޓް ކަމަށްވާ 10 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. އަދި އިއްޔެ ގައުމީ މުބާރާތުގައި އޭނާ އެއް ވަނަ ހޯދި 5000 މީޓަރު ދުވުމުގެ ޓްރެކުން ބޭރު އިވެންޓް ކަމަށްވާ ފަސް ކިލޯ މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. މި ދެ ރެކޯޑް ވެސް އޭނާ ހެދީ އޭނާ މޮރޮކޯގައި ހަދަމުން އައި ތަމްރީންތަކުން ލިބުނު ކުރިއެރުންތަކާ އެކު އެވެ.

އެކަމަކު މީގެ ތިން އަހަރު ކުރިން ދުވުމުގެ ތެރެއަށް ވަދެ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ މި ދުވުންތެރިޔާ އަށް މި އަހަރުގެ އޭޝިއަން ގޭމްސް އިން ފުރުސަތެއް ނުލިބެ އެވެ. އެސޯސިއޭޝަނުން ބުނަނީ އޭނާ އަށް ފުރުސަތު ގެއްލުނީ ޖޫން މަހު ބޭއްވި ޓައިމް ޓްރަޔަލްގައި ބައިވެރިނުވުމުން ކަމަށެވެ. އެކަމަކު ފަޒީލް ބުނީ އެ ޓްރަޔަލްގައި ބައިވެރިނުވީ ސަބަބުތަކެއް ހުރެގެން ކަމަށާއި އޭގެ ކުރިން ވެސް އަދި ފަހުން ވެސް އޭނާ ނެރެމުން އައި ނަތީޖާތަކާ އެކު، ގޭމްސް އިން ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރަ ކަމަށެވެ.

ފަޒީލްގެ ފަހަތުން މިއަދުގެ 10،000 މީޓަރުގެ ރޭހުގެ ދެ ވަނަ ހޯދީ އިއްޔެ 5000 މީޓަރުގައި ވެސް އޭނާ އަށް އެންމެ ބޮޑު ވާދައެއްދިން ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު (މޯޑް) އެވެ. އޭނާ ރޭސް ނިންމީ 34.58 މިނެޓުންނެވެ. ތިން ވަނަ އަށް ދިޔައީ މޭޑް ރަނާސްގެ އަލީ ރިޔާޒެވެ. އޭނާގެ ޓައިމިން އަކީ 46.40 މިނެޓެވެ.

އިއްޔެ 100 މީޓަރު ދުވުން ކާމިޔާބުކުރި ހަސަން ސާއިދު ވަނީ މިއަދު 200 މީޓަރު ދުވުން ވެސް ކާމިޔާބުކޮ މުބާރާތުގެ އެއް ވަނަ އެތުލީޓުގެ މަގާމާ ދިމާލަށް ފިޔަވަޅެއް އަޅައިފަ އެވެ. އޭނާ ރޭސް ނިންމީ 22.07 ސިކުންތުންނެވެ. ދެ ވަނަ ހޯދީ 23.07 ސިކުންތުން ދުވި ޒިފިއަސް ސްޕޯޓްސް ކްލަބުގެ މުހައްމަދު ނާއިލެވެ. އަދި ތިން ވަނަ އަކީ 23.68 ސިކުންތުން ރޭސް ނިންމި ސިފައިންގެ ކްލަބުގެ ނުޖޫމް ހަސަނެވެ. ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު ވަނީ އިއްޔެ ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން ވެސް ސިފައިންގެ ޓީމަށް އެއް ވަނަ ހޯދައިދީފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ އުއްމީދީ ދުވުންތެރިޔާ ނާއިލް ވަނީ 800 މީޓަރުގެ ރޭސް ކާމިޔާބުކޮށްފަ އެވެ. އޭނާގެ ޓައިމިން އަކީ 2.03 މިނެޓެވެ. ދެ ވަނަ އަކީ 2.04 މިނެޓުން ދުވި ސިފައިންގެ ޓީމުގެ ހުސެއިން ރިޒާ އެވެ. ތިން ވަނަ އަށް ދިޔައީ 2.06 މިނެޓުން ރޭސް ނިންމި ތިނަދޫ ޒުވާނުންގެ ކްލަބުގެ ހާޒިމް ހުސެއިން ޝަރީފެވެ.