27 އޮކްޓޯބަރ 2018 - 06:49

ބޮލީވުޑްގެ އެތައް ފިލްމަކަށް މިހާތަނަށް ހިތްގައިމު އެތައް ލަވައެއްގެ މިއުޒިކް ހަދައި ދީފައިވާ ޒުވާން ދެ މިއުޒިކް ޕާޓްނަރުން ކަމަށްވާ ސަޖިން އާއި ޖިގަރް އަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.
އެ ދެ މީހުންގެ ފަރާތުން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ޖިންސީ ފުރައްސާރަ އެކި ގޮތްގޮތަށް ތަޖުރިބާ ކުރަން ޖެހުނު ކަމަށް ބުނެ އެ ވާހަކަތައް ދައްކައިފައި ވަނީ ސަޗިން އާއި ޖިގަރްއާ އެކު މަސައްކަތްކޮށްފައިވާ އަންހެން ލަވަކިޔުންތެރިއެކެވެ.
އެކަމަކު ނަން ހާމަ ނުކޮށް އޭނާ މީޑިއާތަކަށް ކިޔައިދިން ގޮތުގައި ސަޗިން އާއި ޖިގަރް އޭނާއަށް ޖިންސީ ގޯނާކޮށްފައި ވަނީ 2014 ގެ ފެބްރުއަރީ މަހުން ފެށިގެންނެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ތެރޭގައި އެ މީހުންނާ އެެއްވެސް ގުޅުމެއް ނުބާއްވާ ކަމަށާއި އެ މީހުންނާ އެކު ފަހުން އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ލަވަކިޔުންތެރިޔާ ކިޔައި ދިން ގޮތުގައި ފޯނުން ގުޅައި، ސްޓޫޑިއޯ އަށް ގެނެސް ގަދަކަމުން އޭނާއާ ބެހެން އެކި ފަހަރު މަތިން ދެ މިއުޒިޝަނުން ވަކިވަކިން މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ޖިގަރު އޭނާ ސްޓޫޑިއޯ ގެންގޮސް ގަދަކަމުން ދޮންދޭން މަސައްކަތްކޮށްފައިވާ ކަމަށް ބުންޏެވެ.
ބޮލީވުޑްގައި މިހާރު ޖިންސީ ފުރައްސާރައާ ދެކޮޅަށް ފެށިފައިވާ މީޓޫ މޫވްމަންޓާ އެކު ސަޗިން އާއި ޖިގަރަށް ކުރި ތުހުމަތުތަކާ ބެހޭ ގޮތުން އެ ދެ މީހުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޖިގަރްއަކީ ކައިވެނިކޮށްގެން މިހާރު ދަރިއަކު ވެސް ހުރި މީހެކެވެ.
ސަޗިން އާއި ޖިގަރް މިއުޒިކް ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި މި އަހަރު ރިލީޒް ކުރި "ގޯލްޑް" އާއި "ސަތިޔަމޭވް ޖަޔަތޭ" އާއި "ސްޓްރީ" ގެ އިތުރުން "ރާބްތާ" އާއި "ހިންދީ މީޑިއަމް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
މީޓޫ މީވްމަންޓާ އެކު ބޭޒާރުވި މިއުޒިޝަނުންގެ ތެރޭގައި އައްނޫ މަލިކާއި ކައިލާޝް ކޭރް ފަދަ މަޝްހޫރު ފަންނާނުން ހިމެނެ އެވެ.