ރަނިލް ވަކިކޮށް ލަންކާގެ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ
ރަނިލް ވަކިކޮށް ލަންކާގެ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ

ކޮލަމްބޯ (އޮކްޓޯބަރު 26) - ސްރީ ލަންކާގެ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް އެ މަގާމު ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ދެއްވައފި އެވެ.

ރަނިލް ވަކިކޮށް ލަންކާގެ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ
ރަނިލް ވަކިކޮށް ލަންކާގެ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ

ރާޖަޕަކްސާ ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަަދު ވަނީ ލަންކާގެ ޕްރައިވެޓް ޗެނަލަކުން ދައްކައިފަ އެވެ. މަގާމުން ދުރުކުރި މައްސަލާގައި ރަނިލްގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. ލަންކާގެ ރައީސްކަމުގެ މަގާމަށް 2015 ވަނަ އަހަރު ސިރިސޭނާ ގެންނައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތަކީ ރަނިލް އެވެ. ރާޖަޕަކްސާގެ ސަރުކާރުގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސިރިސޭނާ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ އެންމެ ފަހު ވަގުތު އެވެ.

ލަންކާ ސަރުކާރަށް މި ކުއްލި ބަދަލު އައިސްފައި މި ވަނީ ސިރިސޭނާ އާއި ރަނިލްއާ ދެމެދު މައްސަލަ ޖެހިފައިވާތާ ދުވަސްތަކެއް ފަހުންނެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދުނީ އިގްތިސާދީ ސިޔާސަތު ހިންގުމާއި ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި ދިމާވާ މައްސަލަތަކުގަ އެވެ.

ލަންކާގެ ބަނދަރެއް ހިންގަން އިންޑިއާއާ ހަވާލު ކުރުމާ މެދު މިދިޔަ ހަފުތާގައި ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ސިރިސޭނާ އާއި ރަނިލްއާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ސިޔާސީ ތަޖްރިބާކާރުން ބުނަނީ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިނުމުން ގާނޫނީ މައްސަލަތަކެއް އުފެދޭނެ ކަމަށެވެ. ސަބަބަކީ ގާނޫނު އަސާސީގެ 19 ވަނަ އިސްލާހުގެ ދަށުން ޕާލަމެންޓުގެ މެޖޯރިޓީ ނެތި ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވަކިނުކުރެވޭނެތީ އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީ އެއްކޮށްލުމުން ލިބެނީ 95 ގޮނޑި އެވެ. އެއީ ސިމްޕަލް މެޖޯރިޓީއެއް ނޫނެވެ. ރަނިލްގެ ޔޫއެންޕީ އަށް 106 ގޮނޑި ލިބިފައިވާ އިރު އެއީ މެޖޯރިޓީ ހޯދަން ހަތް ގޮނޑި މަދު އަދަދެކެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް މަގާމުން ދުރުކުރުމުގެ ކުރިން ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) މިއަދު ވަނީ ވެރިކަން ކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން ވަކިވެފައިވާ ކަމަށް އެގްރިކަލްޗަރަލް މިނިސްޓަރު މަހިންދާ އަމަރަވީރާ ވަނީ ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިރިސޭނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނާ މައްސަލާގައި ކޯލިޝަން ޕާޓްނަރު ޔޫއެންޕީން ސީރިއަސް ނުވާ ކަމަށް ސިރިސޭނާ މިދިޔަ ހަފުތާގައި ވަނީ ތުހުމަތު ކުރައްވައިފަ އެވެ.