އިތިއޯޕިއާ އަށް ފުރަތަމަ ފަހަރަށް އަންހެން ރައީސެއް
އިތިއޯޕިއާ އަށް ފުރަތަމަ ފަހަރަށް އަންހެން ރައީސެއް

އެޑިސް އަބާބާ (އޮކްޓޯބަރު 26) - އިތިއޯޕިއާގެ ރައީސްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހޮވައިފި އެވެ.

އިތިއޯޕިއާގެ ޕާލަމެންޓުން ރައީސްގެ މަގާމަށް ހޮވި ސަހްލެ-ވޯކް ޒެވްޑެ އަކީ ތަޖްރިބާކާރު ޑޮޕްލޮމެޓެކެވެ. އެކަމަނާ އަކީ މިހާރު އެފްރިކާގެ ހަމައެކަނި އަންހެން ރައީސް ވެސް މެ އެވެ.

އިތިއޯޕިއާގެ ރައީސް އަކީ ރަމްޒީ މަގާމެއްގައި ހުންނަ ފަރާތެކެވެ. އެ ގައުމުގެ ރައީސްގެ މަގާމަށް އަންހެނަކު ހަމަޖައްސާފައި ވަނީ އިތިއޯޕިއާގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުން ކަމުގައި ބޮޑު ވަޒީރު އަބިޔި އަހުމަދު ހަމަޖެއްސެވިތާ ހަފުތާއެއް ފަހުންނެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ޒެވްޑެ ވަނީ އިތިއޯޕިއާގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތު ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޒެވްޑެ ވަނީ ސެނެގާލް އާއި ޖިބޫތީގެ ސަފީރުކަން ކުރައްވައިފަ އެވެ. އދ.ގެ ގިނަ ވަޒީފާތަކެއް ވެސް އެކަމަނާ ވަނީ އަދާކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ އެފްރިކަން ޔޫނިއަންގެ އދ.ގެ ޚާއްސަ މަންދޫބުގެ މަގާމުގަ އެވެ.