26 އޮކްޓޯބަރ 2018 - 16:08

އަންކަރާ (އޮކްޓޯބަރު 26) - މަރާލި ނޫސްވެރިޔާގެ މަރުގެ ތަހްގީގާ ގުޅޭ ގޮތުން ސައުދީގެ ޗީފް ޕްރޮސެކިއުޓަރު ޝެއިޚް ސައުދު އަލް މުޖީބު އަންނަ އާދިއްތަ ދުވަހު ތުރުކީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ސައުދީގެ ޕްރޮސެކިއުޓަރުގެ ދަތުރުގައި އިސްތަންބޫލްގައި ހަރަކާތްތެރިވާ ތަހުގީގު ޓީމާ ބައްދަލު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުގެ ކޮލަމިސްޓް ޖަމާލް ޚާޝުގްޖީ މަރާލީ މި މަހު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ.
އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާ މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށެވެ. އަދި މިހާތަނަށް ތަހުގީގުގައި ލިބުނު މައުލޫމާތު ސައުދީ ވެސް ހިމެނޭ ގޮތަށް ބައެއް ގައުމުތަކާ ހިއްސާކޮށްފައިވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ނޫސްވެރިޔާގެ މަރާ ގުޅޭ ގޮތުން އަދިވެސް ހޯދަން ބޭނުންވާ ވަރަށް ގިނަ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ މަރާލަން އަމުރު ކުރި މީހަކާއި ނޫސްވެރިޔާގެ ހަށިގަނޑު ވީތަނެއް ހޯދަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ހައްޔަރު ކުރި 18 މީހުންގެ ޝަރީއަތް ތުރުކީގައި ހިންގުމަށް ވެސް އުރުދުޣާން ވަނީ އެދިވަޑައިގެންފަ އެވެ.
އުރުދުޣާން ބުދަ ދުވަހު ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ.