12 އޯގަސްޓް 2016 - 19:15

އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ޖަލްސާ ނުބާއްވާކަށް ފުލުހުން އަންގާފައިނުވާ ކަމަށާއި އެހެންވެ ހަރުގެ ކުރިމަތީގައި މިރޭ ޖަލްސާ ބާއްވާނެ ކަމަށް އެމްޔޫއޯގެ ބުނެފި އެވެ.
އެމްޔޫއޯގައި ހިމެނޭ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ފުލުހުން އަންގާފައި ވަނީ މަގުމަތީގައި ހިނގާ އުޅޭ އާއްމުންނަށް އަދި ދުއްވާ އެއްޗިއްސަށް ދަތިނުވާ ގޮތަށް އަދި އެއްވެސް މަގަކަށް ދަތިނުވާނެ ގޮތަށް އެއްވުން ބޭއްވުމަށް ކަމަށެވެ.
"އެއްވުން މިރޭ ބާއްވަން އަޅުގަނޑުމެން ދިން ނޯޓިސްއާ ގުޅިގެން ފުލުހުން ދިން ޖަވާބަކީ އެއީ. އެހެންވީމަ ކުރިއެކޭ އެއްގޮތަށް މިރޭ އެއްވުން ބާއްވާނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަލްސާ ނުބާއްވަން އަންގާފައިނުވާނެ ކަމަށާ އަދި އެ ބޭފުޅުން އެދުނު ގޮތަށް އެއްވުން ބޭއްވުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވަނީ މަދު ބައެއް ކަމަށާއި އެ ފަދަ އެއްވުންތަކުން އާއްމުންނަށް އުނދަގޫވާތީ އެފަދަ ހަރާކާތްތަކަށް ފުރުސަތު ދެވެން ނެތް ކަމަށެވެ.
އެޑީޕީ ހަރުގޭގައި ދާދިފަހުން ޖަލްސާއެއް ކުރިޔަށް ގެންދަނިކޮށް ފުލުހުންގެ ބަޔަކު ވަނީ އެތަނަށް ވަދެ ޕޯޑިއަމްގެ މައިކްގެ ވާގަނޑު އުފުރާލައިފަ އެވެ.