27 އޮކްޓޯބަރ 2018 - 06:50

އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމަކީ އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމު ހަދަން 543 ކްރޯޑް ރުޕީސް (75 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވާ ކަމަށް ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ބުންޏެވެ.
އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު ޝަންކަރު ޑައިރެކްޓްކޮށްފައިވާ 2.0" އަކީ 2010 ގައި އޭނާ ރަޖްނީކާންތު އާއި އައިޝްވާރިޔާ ރާއީއާ އެކު ގެނެސް ދިން ކާމިޔާބު ފިލްމު އެންދިރަމް (ރޮބޮޓް) ގެ ދެވަނަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "2.0" އަށް 543 ކްރޯޑް ރުޕީސް ހަރަދު ކުރި އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަ ކުރީ ފިލްމުގެ ވީއެފްއެކްސްއަށެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި މި ފިލްމުވެގެން ދާނީ އިންޑިއާގެ ފިލްމަކުން މިހާތަނަށް ފެންނާނެ އެންމެ މޮޅު އަދި އެންމެ ފުރިހަމަ ވީއެފްއެކްސް ފެނިގެންދާ ފިލްމަށެވެ.
"2.0" ލަސްނުކުރެވި ލަސްވެގެން ދިޔަ ސަބަބަކީ ވެސް މީގެ ވީއެފްއެކްސް އަށް ވަގުތު ނެގުމެވެ. އެގޮތުން އިންޑިއާގެ އިތުރުން އިންޓަނެޝަނަލް ވީއެފްއެކްސް ޓެކްނިޝަނުންތަކެއް ފިލްމަށް ވަރަށް ބުރަކޮށް، ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށްފައިވެ އެވެ. އެންމެ ފުރަތަމަ "2.0" ރިލީޒް ކުރާ ގޮތަށް އޮތީ 2016 ގަ އެވެ.
ނަމަވެސް އެކި ފަހަރު މަތިން ތާރީހުތަކަށް ބަދަލު ގެންނަމުން ގޮސް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 29 ގައި ފިލްމު ސިނަމާތަކަށް ގެންނާށެވެ. ރަޖްނީކާންތާ އެކު މި ފަހަރު ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ އަކްޝޭ ކުމާރާއި އެމީ ޖެކްސަން އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ފިލްމު ހަދަން ބޮޑު ހަރަދެއް ހޭދަ ކުރި ނަމަވެސް ފިލްމަށް ކުރި ހަރަދު ފޫބެއްދޭނެ އެވެ. އެގޮތުން މިހާރު ވެސް "2.0" ގެ ސެޓްލައިޓްސް 80 ކްރޯޑް ރުޕީސް އަށް ވަނީ ވިއްކާލައިފަ އެވެ. ދެން އޮތީ ފިލްމު ސިނަމާތަކުގައި އަޅުވައިގެން ނެރެވެނީ ކިހާ ވަރެއްގެ އާމްދަނީއެއްތޯ ބެލުމެވެ.
މިހާތަނަށް އިންޑިއާގައި ހަދާފައިވާ އެންމެ އަގު ބޮޑު ފިލްމުތަކަށް ބަލާ އިރު، ލިސްޓްގެ ދެވަނައިގައި އޮތީ އަންނަ މަހު ރިލީޒް ކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ތަގްސް އިފް ހިންދުސްތާން" އާއި އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ޕްރަބާސްގެ "ސާހޯ" އެވެ. މިއިން ކޮންމެ ފިލްމަކަށް 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެ އެވެ.
ލިސްޓްގައި ދެން ހިމެނޭ ފިލްމުތަކަށް ބަލާ އިރު މިދިޔަ އަހަރު ރިލީޒް ކުރި އެސްއެސް ރާޖަމޯލީގެ "ބާހުބަލީ: ދަ ކޮންކްލޫޝަން" އަށް 250 ކްރޯޑް ރުޕީސް (35 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ އިރު، މި އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އަށް 250 ކްރޯޑް ރުޕީސް (30 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ "ޓައިގާ ޒިންދާ ހޭ" އަށް 210 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) ހޭދަކޮށްފައިވާ އިރު، އަންނަ ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ "ޒީރޯ" ގެ ބަޖެޓަކީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އެވެ.
މި އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ "ރޭސް 3" އަކީ އެންމެ އަގު ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމު ހަދަން 185 ކްރޯޑް ރުޕީސް (26 މިލިއަން ޑޮލަރު) ހޭދަކޮށްފައިވެ އެވެ.
ހިންދީ އޯޑިއަންސަށް "2.0" ގެނެސް ދިނުމުގެ މަސައްކަތާ ހަވާލުވެފައި ވަނީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.