26 އޮކްޓޯބަރ 2018 - 14:44

ވޮޝިންޓަން (އޮކްޓޯބަރު 26) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހު މިހާރު ހުރީ އެމެރިކާގައި ކަމަށް އެ ގައުމުން ޔަގީންކޮށްދީފި އެވެ.
ޚާޝުގްޖީ މިދިޔަ އަހަރު އެމެރިކާ ދޫކޮށްދިޔަ ފަހުން އޭނާގެ ދަރިފުޅު ސައުދީ ދޫކޮށްދިއުން ވަނީ މަނާކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ ޚާޝުގްޖީގެ ދަރިފުޅަށް ދަތުރު ކުރުމުގެ ހުއްދަ ސައުދީން ދިނުމުން މަރުހަބާ ކިޔާ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަރުޖަމާން ރޮބަޓް ޕަލަޑިނޯ ވިދާޅުވީ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ދާދި ފަހުން ސައުދީ އަށް ކުރެއްވި ދަތުރުގައި ސަލާހާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަލާހު އެމެރިކާ އަށް ގެންދަން ބޭނުންވާ ކަމަށް ސައުދީ އޮފިޝަލުންނަށް ޕޮމްޕެއޯ ދެންނެވި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ސަލާހު އާއި އެ އާއިލާގެ މެންބަރުން އެމެރިކާގައި ދިރިއުޅެނީ ކޮން ތަނަކު ކަމެއް ނޭނގެ އެވެ. ނަމަވެސް ޚާޝުގްޖީ ދިރިއުޅުނީ ވޮޝިންޓަން އޭރިއާގަ އެވެ.
ސައުދީ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިދިޔަ ހަފުތާގައި ވަނީ ސަލާހުގެ އިތުރުން ޚާޝުގްޖީގެ އާއިލާގެ ބައެއް މީހުންނާ ރިޔާޒުގައި ބައްދަލުކޮށްފަ އެވެ.