ސްޕޯޓިން ބަލިކޮށް އާސެނަލް 11 ވަނަ މޮޅު ހޯދައިފި
ސްޕޯޓިން ބަލިކޮށް އާސެނަލް 11 ވަނަ މޮޅު ހޯދައިފި

ލިޒްބަން (އޮކްޓޯބަރު 26) – ޑެނީ ވެލްބެކް ވައްދާލި ލަނޑާ އެކު ޔުރޮޕާ ލީގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން 1-0 އިން ބަލިކޮށް އާސެނަލުން ޖެހިޖެހިގެން 11 ވަނަ މެޗުން މޮޅުވިއިރު ރުބެން ލޮފްޓަސް-ޗީކް ގެ ހެޓްރިކާ އެކު ބެލަރޫސްގެ ބޭޓް ބޮރިސޯފް އަތުން 3-1 އިން ޗެލްސީ މޮޅުވެއްޖެ އެވެ.

އާ ކޯޗު އުނައި އެމެރީއާ އެކު އާސެނަލް ދަމަހައްޓަމުން އަންނަ ޕޮޒިޓިވް ފޯމާ އެކު އެ ޓީމު އޮތީ ޔުރޮޕާ ލީގުގެ ގްރޫޕް އީ ގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އެވެ. އަމިއްލަ ދަނޑުގައި އަންނަ މަހު ސްޕޯޓިން އަތުން މޮޅުވެގެން އާސެނަލަށް ދެ ވަނަ ބުރު ކަށަވަރުކުރެވޭނެ އެވެ. ސްޕޯޓިން އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ރޭ އަޒަރުބައިޖާނުގެ ގަރަބަގް އަތުން 1-0 އިން މޮޅުވި ޔޫކްރޭނުގެ ވޮސްކްލާ ޕޮލްޓަވާ އެވެ. އެ ޓީމު އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.

ރަށުން ބޭރުގައި ޕޯޗުގަލް ޓީމެއްގެ އަތުން އާސެނަލް ފުރަތަމަ ފަހަރަށް ރޭ މޮޅުވިއިރު އެ ޓީމުގެ ހަމައެކަނި ގޯލް ވެލްބެކް ޖެހީ 77 ވަނަ މިނެޓުގަ އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ހެންރިކް މިކިތާރްޔަން އާއި ސްޕޯޓިންގެ ނާނި އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ ޕިއެރޭ-އެމެރިކް އޯބަމަޔަން ވެސް ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި އެވެ.

ލޮފްޓަސް-ޗީކްގެ ހެޓްރިކާ އެކު ބޭޓް އަތުން 3-1 އިން މޮޅުވި ޗެލްސީ އޮތީ ނުވަ ޕޮއިންޓާ އެކު ގްރޫޕް އެލް ގެ އެއް ވަނައިގަ އެވެ. މި ގްރޫޕުގައި ދެތް އޮތް ތިން ޓީމު ކަމަށްވާ ބޭޓްގެ އިތުރުން ގްރީކުގެ ޕީއޭއޯކޭ އާއި ހަންގޭރީގެ ވިޑީ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މުބާރާތުގައި ރޭ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ރެއާލް ބެޓިސް އަތުން 2-1 އިން ބަލިވެފަ އެވެ. އިޓާލިއަން ލީގުގައި ވާދަވެރި އިންޓަ މިލާން އަތުން އާދީއްތަ ދުވަހުގެރޭ 1-0 އިން ބަލިވި މިލާނަށް ރޭ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ބެޓިސްގެ ފުރަތަމަ ގޯލް 30 ވަނަ މިނެޓުގައި އެންޓޯނިއޯ ސަނަބްރިއާ ޖެހިއިރު ދެ ވަނަ ގޯލް 55 ވަނަ މިނެޓުގައި ޖެހީ ލޮ ސެލްސޯ އެވެ. މިލާނުގެ ހަމައެކަނި ގޯލް 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔާ ޕެޓްރިކް ކުޓްރޯނޭ އެވެ.

މި މޮޅާ އެކު ހަތް ޕޮއިންޓް ހަމަކޮށް ބެޓިސް އޮތީ ގްރޫޕުގެ އެއް ވަނައިގަ އެވެ. މިލާން އޮތީ ހަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރޭ ލަގްޒެމްބާގުގެ ޑުޑްލޯންޖް އަތުން 2-0 އިން މޮޅުވީ ގްރީކުގެ އޮލިމްޕިއާކޯސް އެވެ. ޑުޑްލޯންޖް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.