ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަޖޭ ދޭވްގަންގެ "ރެއިޑް" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. "ރެއިޑް" ގެ އިތުރުން މި އަހަރުގެ އަޖޭގެ އިތުރު ދެ ފިލްމެއް ރިލީޒް ވާނެ ކަމަށް ބެލެވުނަސް އެ ފުރުސަތެއް މިހާރަކު ނެތެވެ.

ކުރިން މި މަހު ރިލީޒް ކުރަން އޭނާގެ ލޯބީގެ ފިލްމު "ދޭ ދޭ ޕިޔާރް ދޭ" އަންނަ އަހަރަށް ފަސްކުރިކަން މީގެ މަސްތަކެއް ކުރިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް "ޓޯޓަލް ދަމާލް" އަކީ ޑިސެމްބަރުގައި ފެންނާނެ ކަމުގެ އިންތިޒާތުގައި ބެލުންތެރިން ތިބި ފިލްމެކެވެ. އެކަމަކު މިހާރު އެ ފިލްމު ވެސް މި އަހަރު ރިލީޒް ނުކުރަން ވަނީ ނިންމައިފަ އެވެދ. ޔަގީނުން ވެސް މިއީ އަޖޭގެ ފޭނުން ތަންކޮޅެއް މާޔޫސް ވާނެ ކަމެކެވެ.

އެކަމަކު އުފާވެރި އެހެން އަހަބަރެއް އެބަ އޮތެވެ. އެއީ ޑިސެމްބަރު މަހުގެ 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" ގެ ހާއްސަ ފެނިލުމަކުން އަޖޭ ފެނިގެން ދިއުމެވެ. މިއީ ރަންވީރް ސިންގްއާ އެކު، ސައިފް އަލީ ހާންގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޯހިތުގެ ގިނަ ފިލްމުތަކުން އާންމުކޮށް ފެންނަ އަޖޭގެ އިތުރުން ދެ މީހުންގެ ކާމިޔާބު ފްރެންޗައިޒް "ގޯލްމާލް" ގެ މައިގަނޑު ގިނަ ތަރިންތައް "ސިމްބާ" ގެ ހާއްސަ ފެނިލުންތަކުން ފެނިގެން ދާނެ އެވެ.

އަޖޭގެ "ދޭ ދޭ ޕިޔާރް ދޭ" އެޕްރީލް، 26، 2019 އަށް ހަމަޖެއްސުމަށް ފަހު، "ޓޯޓަލް ދަމާލް" މިހާރު ރިލީޒް ކުރަން ނިންމާފައި ވަނީ "ދޭމ ދޭ ޕިޔާރް ދޭ" ރިލީޒް ކުރަން ހަމަޖެއްސި ތާރީހު ކަމަށްވާ، ފެބްރުއަރީ، 22، 2019 ގަ އެވެ.

"ޓޯޓަލް ދަމާލް" އަކީ އިންދަރު ކުމާރުގެ ކޮމެޑީ ސީރީޒްގެ ތިން ބަނަ ބައެވެ. މި ފަހަރު މި ފިލްމުގެ ކާސްޓާ އަލަށް ގުޅުނު އިރު، މުހިއްމު ރޯލްތަކުން އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް ވެސް ފެނިގެން ދާނެ އެވެ. އަދި މި ސީރީޒްގެ ކުރީގެ ފިލްމުތަކުގައި ރޯލްތައް ކުޅުނު އަރްޝަދު ވަވްރަސީ އާއި ރިތޭޝް ދޭޝްމުކް އަދި ޖާވިދު ޖެފްރީ ވެސް "ޓޯޓަލް ދަމާލް" އިން ފެނިގެން ދާނެ އެވެ.

"ދޭ ދޭ ޕިޔާރް ދޭ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކޯ ސްވީޓީ" ގެ ޑައިރެކްޓަރު، ލަވް ރަންޖަން، ޕްރޮޑިއުސްކޮށް އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުން އަޖޭއާ އެކު ތައްބޫ އާއި ރަކުލް ޕްރީތު ސިންގް ފެނިގެން ދާނެ އެވެ.

މި ފިލްމްތަކުގެ އިތުރަށް ވަރަށް ޝައުގުވެރި އަޖޭގެ ފިލްމްތަކެއް އަންނަ އަހަރަށް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ނޮވެމްބަރުގައު ރިލީޒް ކުރާ "ތާނަޖީ: ދި އަންސަންގް ވޮރިއާ" ހިމެނެ އެވެ.

މިހާރު ޝޫޓިން ފަށާފައިވާ ތެލެގޫ ފިލްމު "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންގެ ނަމަކަށް "ކަބީރު ސިންގް" ހަމަޖައްސައި ފިލްމުގެ ފަސްޓްލުކް ދައްކާލައިފަ އެވެ. މި ފިލްމުގައި ޓައިޓްލް ރޯލު ކުޅެނީ ޝާހިދު ކަޕޫރެވެ. އޭނާއާ އެކު ބަތަލާގެ ގޮތުގައި ފެނިގެން ދާނީ ކިއާރާ އަދްވާނީ އެވެ. މިއީ މި ދެ ތަރިން އެކުގައި ފެނިގެން ދާނެ ފުރަތަމަ ފިލްމެވެ.

"ކަބީރު ސިންގް" ޑައިރެކްޓް ކުރަނީ މިދިޔަ އަހަރު "އަރުޖުން ރެޑީ" ވެސް ގެނެސް ދިން ސަންދީޕް ވަންގާ އެވެ.

ކަބީރު ސިންގެ ގޮތުގައި ޝާހީދުގެ ފިލްމު ސްކްރީނަށް އަންނާނީ ޖޫން، 21، 2019 ގަ އެވެ.

ޗައިނާގައި މިހާރު ދައްކަމުން އަންނަ ރާނީ މުކަރްޖީގެ ފިލްމު "ހިޗްކީ" ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެ ގައުމުގެ ސިނަމާތަކުގައި ދައްކައިގެން ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 100 ކްރޯޑް ރުޕީސް ވެސް ފަހަނައަޅައިފަ އެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޗައިނާގައި "ހިޗްކީ" ދައްކަމުން އަންނަ އިރު، ބުރާސްފަތި ދުވަހާ ހަމައަށް ޗައިނާ އިން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 102.09 ކްރޯޑް ރުޕީސް (13.94 މިލިއަން ޑޮލަރު" ލިބިފަ އެވެ.

ޗައިނާގެ އިތުރުން "ހިޗްކީ" ވަނީ އާންމުކޮށް ހިންދީ ފިލްމުތައް ޕްރިމިއަ ނުކުރާ ބޭރުގެ ބައެއް އެހެން ގައުމުތަކުގައި ވެސް ދައްކައިފަ އެވެ. އޭގެ ތެރޭގައި ރަޝިއާ، ކަޒަކަސްތާން އަދި ޖަޕާން ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު މާޗް 23 ގައި ރިލީޒް ކުރި ފިލްމެކެވެ. އުކުނޑި ކޮއްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލު ރާނީ ކުޅެފައިވާ "ހިޗްކީ" އަކީ ސިދާތު ޕީ މަލްއުތުރާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަށް ބޮކްސް އޮގީހުގައި ޖުމްލަ އާމްދަނީ މިހާރު ވަނީ 178.63 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.

މި އަހަރުގެ ފަހުކޮޅު ސިނަމާ އަށް ގެންނާނެ ކަމަށް ކުރިން އިއުލާންކޮށްފައި އޮތް ސަލްމާން ހާންގެ "ދަބަންގް 3" ގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗްގައި ފަށާނެ ފިލްމުގައި މުހިއްމު ރޯލެއް ވެސް ކުޅޭ އަދި ޕްރޮޑިއުސަރު އަރްބާޒް ހާން ބުނެފި އެވެ.

އޭނާ ބުނީ ފިލްމުގެ ޝޫޓިން ނުފެށި ލަސްވީ ސަލްމާން އެހެން ފިލްމުތަކެއްގައި މާ ބޮޑަަށް ބިޒީވުމުން ކަމަށެވެ. މި އަހަރު ރިލީޒް ކުރި "ރޭސް 3" އަށް ފަހު ސަލްމާން މިހާރު އަންނަނީ "ބާރަތު" ގެ މަސައްކަތް ކުރަމުންނެވެ.

"ދަބަންގް 3" މި ފަހަރު ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ ސަލްމާންގެ 2007 ގެ "ވޯންޓެޑް" ޑައިރެކްޓް ކުރި ޕްރަބޫއާދޭވާ އެވެ. މި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. "ދަބަންގް 3" ގައި ވެސް ސަލްމާނާ އެކު ބަތަލާގެ ރޯލުން ކުރީގެ ފެ ބައިން ވެސް ފެނުނު ސޮނާކްޝީ ސިންހާ ފެނިގެން ދާނެ އެވެ.

ދެހާސް ދިހައެއްގައި ރިލީޒް ކުރި "ދަބަންގް" އަކީ އޭނާގެ ފުރަތަމަ ފިލްމު ވެސް މެ އެވެ. މީގެ ދެވަނަ ބައި ގެނެސް ދިނީ 2012 ގަ އެވެ.