ރޮނާލްޑޯ ރެެއާލް ދޫކޮށްލުމުން ހައިރާންވި: މާސެލޯ
ރޮނާލްޑޯ ރެެއާލް ދޫކޮށްލުމުން ހައިރާންވި: މާސެލޯ

މެޑްރިޑް (އޮކްޓޫބަރު 26) - ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމުން ލިބުނީ ބޮޑު ހައިރާންކަމެއް ކަމަށް އޭނާއާ އެކު އެ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދި ބްރެޒިލްގެ ފުލްބެކް މާސެލޯ ބުނެފި އެވެ.

މިދިޔަ މެއި މަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު އުމުރުން 33 އަހަރު ރޮނާލްޑޯ ވަނީ ރެއާލުން އަންނަ އަހަރު ނުފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އޭގެ އެއް ދުވަސް ފަހުން ރޮނާލްޑޯ ބުނީ އޭނާ ދެއްކި ވާހަކަތައް މީޑިއާގައި ދެކެވުނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވީ ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގާތުގައި އެދިގެން 113 މިލިއަން ޑޮލަރަށް ރޮނާލްޑޯ ސޮއިކުރުމުންނެވެ.

"މިދިޔަ ސީޒަނަށް ފަހު ޗުއްޓީ ހޭދަކޮށްލަން ގޮސްފައި އެނބުރި އައިއިރު ރޮނާލްޑޯ ނެތުމުން ތަފާތު އިހުސާސެއް ކުރެވުނީ. އަހަރެމެން ހީކުރީ އޭނާ ކްލަބް ދޫކޮށްނުލާނެކަން. އޭނަ ދިއުމުން ފުރަތަމަ ލިބުނީ ހައިރާންކަން،" މާސެލޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލާ ގުޅުނީ 2009 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ރެއާލުގައި ރޮނާލްޑޯ ހޭދަކުރި 10 އަހަރުގައި އޭނާ ވަނީ އެ ޓީމަށް 451 ގޯލު ޖަހައިދީފަ އެވެ. އެ ކްލަބާ އެކު ގިނަ ރެެކޯޑްތަކެއް މުގުރާލި ރޮނާލްޑޯ ވަނީ އެ ޓީމުގައި ހުރެ 15 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަވާނީ އެ ޓީމާ އެކު އޭނާ ހޯދި ޗެމްޕިއަންސް ލީގުގެ ހަތަރު ތަށްޓާއި ކްލަބް ވޯލްޑް ކަޕްގެ ތިން ތަށްޓެވެ.

މާސެލޯ ބުނީ އެއްވެސް ކުޅުންތެރިއަކު ރެއާލަށް ވުރެން ބޮޑުނުވާނެ ކަމަށެވެ.

"ރެއާލަކީ ބޮޑު ކްލަބެއް. ރޮނާލްޑޯ އަކީ ވަރަށް މަގުބޫލު ކުޅުންތެރިއެއް. މި ކްލަބް (ރެއާލް) ބޮޑުވާނެ ހުރިހާ ކުޅުންތެރިންނަށް ވުރެ،" މާސެލޯ ބުންޏެވެ.

ރެއާލްގެ މުއްސަނދި ތާރީހަށް ރޮނާލްޑޯ އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ކަމަށާއި އެކަމާ ދެބަސްވެވޭނެ މީހަކު ނުހުންނާނެ ކަމަށް މާސެލޯ ވަނީ ބުނެފަ އެވެ.

"ރެއާލުގެ ތާރީހު ވަރަށް ފުރިހަމަ. އެއަށް ރޮނާލްޑޯ ވެސް އިތުރު ކަންތައްތަކެއް ގެނެސްދިން. ކުޅުންތެރިންގެ އޮންނަ ގޮތަކީ ކްލަބްތަކަށް ކުޅުމަށް ފަހު އެހެން ކްލަބަކަށް ދާނެ ނޫނީ ރިޓަޔަކުރާނެ. އެކަމަކު ރެއާލް އަބަދުވެސް އޮންނާނެ،" މާސެލޯ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާސެލޯ ވެސް ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"އަހަރެން ކްލަބް ބަދަލުކުރާނެ ކަމަށް ދެކެވުނު ވާހަކަތަކުގައި އަސްލެއް ނެތް،" މާސެލޯ ބުންޏެވެ.