26 މެއި 2016 - 13:49

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އެހެން ސްކޫލަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރުމާ އެކު ބެލެނިވެރިން މިއަދު ސްކޫލް ދޮށަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިނާން ވިދާޅުވީ ސްކޫލު މެނޭޖްމަންޓާއި ޕްރިންސިޕަލާ ދެމެދު ޖެހުނު މައްސަލައެއްގައި ދެބަސްވުން އުފެދިފައި ވިޔަސް، އޭނާ އެހެން ރަށަކަށް ބަދަލުވާން ބެލެނިވެރިން ބޭނުންނުވާ ކަމަށެވެ. އެހެންވެގެން 100 އަށް ވުރެ ގިނަ ބެލެނިވެރިން ސްކޫލު ދޮށަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށް ސިނާން ވިދާޅުވި އެވެ.
"ބެލެނިވެރިންނަށް މާ ކަމުދާ ޕްރިންސިޕަލެއް ވީމަ ބޭނުންނުވަނީ އެހެން ސްކޫލަަކަށް ބަދަލުވާން. އެކަމަކު ޕްރިންސިޕަލް ސީދާ ބަދަލުވަނީކީއޭ ވެސް ނުބުނޭ. ސްކޫލުގެ މެނޭޖްމަންޓާ ހިތްހަމަ ނުޖެހިގެން ބަދަލުވާ ކަހަލަ ވާހަކައެއް ދެއްކީ ޕީޓީއޭ މީޓިންގައި. އެ ވާހަކަތައް ބެލެނިވެރިންނަށް އިވިގެން ހިތްހަމަނުޖެހުން ފާޅުކުރީ،" އާބާދީގައި 4200 މީހުން ދިރިއުޅޭ ކައުންސިލްގެ ރައީސް ސިނާން ވިދާޅުވި އެވެ.
ދިއްދޫ ސްކޫލުން 700 އަށް ވުރެ ގިނަ ދަރިވަރުން މިހާރު އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.