ޑެހެއާ ގެންދަން ޔުވެންޓަސް އިން ޝައުގުވެރިވެއްޖެ
ޑެހެއާ ގެންދަން ޔުވެންޓަސް އިން ޝައުގުވެރިވެއްޖެ

މެންޗެސްޓާ (އޮކްޓޫބަރު 26) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންދަން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ޑެހެއާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން އަށް ހަމަވާނެ އެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ ޑެހެއާއާ އެކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އޮވެ އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ޔުނައިޓެޑް އަތުން ޔުވެންޓަސް 1-0 އިން މޮޅުވި މެޗަށް ފަހު ޑެހެއާގެ އޭޖެންޓްއާ އެކު ޔުވެންޓަސްގެ ބައެއް އޮފިޝަލުން މަޝްވަރާތަކެއް ބޭއްވި ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ޔުވެންޓަސްގެ ވިސްނުން ހުރީ ޔުނައިޓެޑާ އެކު ޑެހެއާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ޓީމަށް ގެންދާށެވެ. ޔުވެންޓަސް އިން ވަނީ ސީޒަނުގައި އެ ގޮތަށް ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން ވެސް ގެންގޮސްފަ އެވެ.

ރެއާލް މެޑްރިޑުން ފާއިތުވި އަހަރުތަކުގައި އެންމެ ބޭނުންވި އެއް ކުޅުންތެރިޔަކީ ޑެހެއާ އެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ޑެހެއާ ރެެއާލާ ގުޅުމާ ގާތަށް ޖެހިލި އެވެ. އެ ފަހަރު ޑެހެއާ އަށް ރެއާލާ ނުގުޅެވުނީ ޔުނައިޓެޑުން ޓްރާންސްފާގެ ލިޔުންތައް މުއްދަތު ހަމަވުމުގެ ކުރިން ފެކްސް ނުކުރުމުގެ ސަބަބުންނެވެ.

ޑެހެއާ ގެންދިއުމުގެ ކަންތައްތައް ނިމުމަކަށް ގެނެސް ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާ ގެނެސްފަ އެވެ. އެއާ އެކު ޑެހެއާ އެ ޓީމުން ދެން ފެނުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ.

ފާއިތުވި އަހަރުތަކުގައި ޔުނައިޓެޑުން ހޯދި ކާމިޔާބީތަކުގައި ޑެހެއާގެ ދައުރު ބޮޑެވެ. އޭނާ ވަނީ މިދިޔަ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދައިފަ އެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދި އެވެ.