ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި
ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި

ރާއްޖޭގައި ސިންތެޓިކް ޓްރެކެއްގައި ބާއްވާ ފުރަތަމަ އެތުލެޓިކްސް މުބާރާތް ކަމަށްވާ މި އަހަރުގެ ގައުމީ މުބާރާތުގައި މިއަދު، ދިވެއްސަކު ރާއްޖޭގައި ދުވި އެންމެ ބާރު ޓައިމިންގައި ދުވެ ހަސަން ސާއިދު 100 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފި އެވެ.

ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި
ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު މިއަދު ދުވެފައިވަނީ އޭނާ މި އިވެންޓުން ގައުމީ ރެކޯޑް ހެދި ޓައިމިން ކަމަށްވާ 10.33 އަށް ވުރެ 0.15 ސިކުންތު ލަހުން، 10.48 ސިކުންތުންނެވެ. މީގެ ކުރިން އޭނާ ރާއްޖޭގައި އެންމެ ބާރަށް ދުވެފައިވަނީ 2014 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި، މާލޭ ވެލި ޓްރެކުގައި 10.50 ސިކުންތުންނެވެ. އެކަމަކު ހޭންޑް ޓައިމަރަކުން ނަގާފައިވާ ނަތީޖާއެކެވެ. ރާއްޖޭގައި 2016 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަނީ އިލެކްޓްރޯނިކް ފޮޓޯ ފިނިޝް ސިސްޓަމެކެވެ.

ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި
ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި

"މިއަދު މިއީ ސިންތެޓިކް ޓްރެކުގެ ތަފާތު. ވެލީގައި ދުވުމާ ވަރަށް ތަފާތު. އިހުސާސްކުރެވުނީ ރާއްޖޭން ބޭރުގެ ދުވެވޭހެން،" ސާއިދު ބުންޏެވެ.

ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި
ސިންތެޓިކް ޓްރެކުގައި ސާއިދު ތަފާތު ދައްކާލައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2015 ވަނަ އަހަރު ރަން މެޑަލް ހޯދައި އަދި އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިދިޔަ އަހަރު ވާދަކޮށް ތާރީހުން ޖާގަ ހޯދާފައިވާ ސާއިދު ބުނީ ސިންތެޓިކް ޓްރެކުގައި ރޭސްތައް ބޭއްވުމަކީ ހުރިހާ ދުވުންތެރިންނަށް ވެސް ލިބޭނެ ހިތްވަރެއް ކަމަށެވެ.

މި އަހަރު ހުޅުވި މި ޓްރެކުގެ ބޭނުން އަންނަނީ ވަރަށް ބޮޑަށް ހިފަމުންނެވެ. އެގޮތުން ގައުމީ އެތުލީޓުން ގަވާއިދުން ތަމްރީންތަކަށް މިތަން ބޭނުންކުރާއިރު ދުނިޔޭގެ ލޯންގް ޖަމްޕް ޗެމްޕިއަނެއް ކަމަށްވާ ސާބިއާގެ އިވާނާ ސްޕަނޮވިޗް ވެސް ވަނީ މިތަނުގައި ތަމްރީންތަކެއް ހަދައިފަ އެވެ.

މިއަދު ހަވީރު ފެށި ގައުމީ މުބާރާތުގެ 100 މީޓަރު ރޭހުގައި ސާއިދުގެ ފަހަތުން ދެ ވަނަ ހޯދީ 11.08 ސިކުންތުން ދުވި ޒިފިއަސް ސްޕޯޓްސްގެ އަހުމަދު އަނޫފް މުހައްމަދެވެ. އަދި ތިން ވަނަ އަކީ 11.37 ސިކުންތުން ދުވި ދިވެހި ސިފައިންގެ ކްލަބުގެ ނުޖޫމް ހަސަނެވެ.

ޒިފިއަސް ޓީމަށް ދުވި ރާއްޖޭގެ ކުރީގެ ޖޫނިއާ ރެކޯޑް އޮންނަ ދުވުންތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) 11.43 ސިކުންތުން ނިންމައި ހަތަރު ވަނަ އަށް ދިޔައިއިރު ފަސް ވަނަ އަކީ ރޭސާސްގެ ސަރީސް އަހުމަދެވެ. އޭނާގެ ޓައިމިން އަކީ 11.44 ސިކުންތެވެ.

މުބާރާތުގެ 5000 މީޓަރު ދުވުމުގެ އެއް ވަނަ ހޯދީ ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫނެވެ. އޭނާ ރޭސް ނިންމީ 16:01 މިނެޓުންނެވެ. އޭނާއާ ވާދަކުރީ ސިފައިންގޭގެ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު ރަޝީދު (މޯޑް) އާއި ޝިފާޒް މުހައްމަދެވެ. މޯޑު ދެ ވަނަ އަށް ދިޔައީ 16:19 މިނެޓުން ދުވެގެންނެވެ. އަދި ޝިފާޒް ތިން ވަނަ އަށް ދިޔައީ 17:51 މިނެޓުން ދުވެގެންނެވެ.

ހަތަރެއް ގުނަ 400 މީޓަރު ރިލޭގެ އެއް ވަނަ އަކީ ސިފައިންގެ ކްލަބެވެ. ސާއިދާއި ހުސެއިން ރިޒާ އާއި ނުޖޫމް އަދި 100 މީޓަރު ޖޫނިއާ ރެކޯޑް އޮންނަ އިބާދުﷲ އާދަމްގެ ޓީމުން ރޭސް ނިންމީ 3:32 މިނެޓުންނެވެ. މި އިވެންޓުން ދެ ވަނަ ޒިފިއަސް ސްޕޯޓްސް ކްލަބް ހޯދިއިރު ތިން ވަނަ އަކީ ކްލަބް މުގޫ ސްޕޯޓްސް އެވެ.

ލޯންގް ޖަމްޕުން އެއް ވަނަ ހޯދީ 6.08 މީޓަރަށް ފުންމައިގެން ތިނަދޫ ޒުވާނުންގެ ކްލަބުގެ މުހައްމަދު ސުޒައިނެވެ. ދެ ވަނަ ހޯދީ 5.81 މީޓަރަށް ފުންމި ސިފައިންގެ ކްލަބުގެ ނުޖޫމެވެ. އަދި ތިން ވަނަ އަކީ އެ ޓީމުގެ އިބާދުﷲ އެވެ. އޭނާ ފުންމާފައިވަނީ 5.49 މީޓަރަށެވެ.

ޝޮޓް ޕުޓް އުކުމުން އެއް ވަނަ އަކީ ސިފައިންގެ ޓީމުގެ އާދަމް ހަލީމެވެ. ދެ ވަނަ މަގާމް އެ ޓީމުގެ މޫސާ ޖައުހަރީ ހޯދިއިރު ތިން ވަނަ އަކީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ އާދަމް ޝަރީފެވެ.

މި އަހަރުގެ މުބާރާތުގެ އަންހެން ބަޔަށް ތަރުހީބު ނުލިބުމުން ވަނީ ކެންސަލްކޮށްފަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އިވެންޓެއްގައި ތިން ޓީމު ވާދަނުކުރާ ނަމަ އެ އިވެންޓް ކެންސަލްވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ކަމަށާއި މުބާރާތުގެ ހުރިހާ އަންހެން އިވެންޓެއްގައި ވެސް ބައިވެރިވެފައިވަނީ ތިން ޓީމަށް ވުރެ މަދުން ކަމަށެވެ.