އައިޝްވާރިޔާ "ޖޭސްމިން" ގަބޫލެއް ނުކުރި
އައިޝްވާރިޔާ "ޖޭސްމިން" ގަބޫލެއް ނުކުރި

ދާދި ފަހުން ރިލީޒް ކުރި "ބައްތީ ގުލް މީޓަރު ގުލް ޗާލޫ" އާއި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ރާމް-ލީލާ" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ސިދާތު އާއި ގަރީމާ ލިޔެ، ޑައިރެކްޓް ކުރާ ފިލްމު "ޖޭސްމިން" ގެ ސްކްރީންޕްލޭ އަށް އައިޝްވާރިޔާ ރާއީ ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނެސްފައި ނުވާތީ އެ ފިލްމު ނުކުޅެން އޭނާ ވަނީ ނިންމައިފަ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުނީ އޭނާ އަށް ފިލްމުގެ ކޮންސެޓް ވަރަށް ކަމުދިޔަ ނަމަވެސް، ސްކްރީންޕްލޭގައި ވަރަށް ގިނަ ބާގަނޑުތައް ހުރުމުން އޭގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންގެ ސިދާތާއި ގަރީމާ އަށް ސްކްރީންޕްލޭ އިތުރަށް މުތާލިއާކޮށް، ފުރިހަމަ އެދުނު ކަމަށް އައިޝްވާރިޔާ ބުންޏެވެ.

"ޖޭސްމިން" އަކީ ސަރޮގޭޓް ހަދައިގެން ދަރިން ވިހާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ "ރަހިމު ވިއްކައިގެން" ވިޔަފާރި އުސޫލުން ދަރިން ވިހާ އަންހެނެއްގެ ތަޖުރިބާ ކިޔައިދޭ ފިލްމެކެވެ.

ފިލްމުގެ ކޮންސެޕްޓް އިންޑިއާގައި މިހާރު ވަރަށް ބޮޑަށް ފުޅާވެފައިވާ މައްސަލައަކަށް ބިނާކޮށްފައި އޮތަސް، "ޖޭސްމިން" ސްކްރީންޕްލޭ އެހާ ހަމަނުޖެހޭ ކަމަށް އައިޝްވާރިޔާ ބުންޏެވެ.

މި ފިލްމުގެ ސްކްރީންޕްލޭ އަށް ގެންނަން ބޭނުންވި ބަދަލުތައް ގެނެސްފައި ނުވުމާއި، މީގެ މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާތީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ޝްރީ ނާރަޔަން ސިންގް ވެސް މިހާރު ވަނީ ފިލްމު ދޫކޮށްލައިފަ އެވެ. އޭނާއަކީ "ބައްތީ ގުލް މީޓަރު ޗާލޫ" ގެ ޑައިރެކްޓަރެވެ.

"ޖޭސްމިން" އަކީ ޕްރޭނާ އަރޯރާގެ ކްރިއާޖް އެންޓަޓައިންމަންޓްގެ ވެސް ހިއްސާއާ އެކު ހަދަން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް ފިލްމު ހުށަހެޅި ބަތަލާ އާއި އެއް ޕްރޮޑިއުސަރު ފިލްމު ދޫކޮށްލުމުން މިއަށް ދެން ވާނެ ގޮތެއް އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

އޮގަސްޓް މަހު ރިލީޒް ކުރި "ފަނޭ ހާން" އަށް ފަހު، އައިޝްވާރިޔާ މިހާރު ސޮއިކޮށްފައި އޮތީ ފިރިމީހާ އަބީޝެކް ބައްޗަންއާ އެ ކުޅޭ "ގުލާބްޖާމޫ" އަށެވެ.