25 އޮކްޓޯބަރ 2018 - 15:52

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވީ ފަހުން، އާދިއްތަ ދުވަހު އަލުން ޖަލްސާތައް ފަށާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ހުށަހަޅާފައިވާއިރު، ނޫސްވެރިންނާ ބައްދަލުކުރައްވައި މޫސަ ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމާއި ބަޖެޓް ފާސްކުރުން ފަދަ ގިނަ މަސައްކަތްތަކެއް ހުރުމުން ޖަލްސާތައް ބާއްވައިދޭން ޕާޓީތަކުން އެދެމުން އަންނަ ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި މަސީހުގެ އިޒުނައާ އެކު، އަންނަ އާދިއްތަ ދުވަހު ބާއްވާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ގޮތެއް ނިންމަން އެޖެންޑާ ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން، އަބުރުގެ ގާނޫނު އުވައިލަން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި ބިލާއި އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލް ވެސް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިއްތަ ދުވަހުގެ އެޖެންޑާގައި ދެން ހިމަނާނެ އަނެއް ކަމަކީ، މޫސަ ވިދާޅުވި ގޮތުގައި، އިބޫ ހުވާކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާ އެކު މިދިއަ އަހަރުގެ ޖުލައި މަހު ހުށަހެޅި މައްސަލަ، އެޖެންޑާ ނުކޮށް، ޖަލްސާތައް ބާއްވާތީ އިދިކޮޅު މެމްބަރުން އެ ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މޫސަ ވިދާޅުވީ އޭނާގެ ރިޔާސަތުގައި ބާއްވާ ޖަލްސާތަކަށް ހުރިހާ މެމްބަރުން ވެސް ވަޑައިގަންނަން އެދިވަޑައިގަންނަވާ ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމާ މެމްބަރުންގެ މައްސަލަ، އަންނަ ނޮވެމްބަރު 8 ގެ ކުރިން ނިންމައި ދެއްވުމަށް އެދިވަޑައިގެން މޫސަ ވަނީ، އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.
މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި މިހާ ދުވަސް ވީއިރު އެކަމާ ނޫޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން މޫސަ ވިދާޅުވީ، ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އޭނާއަށް ކަމެއް ކުރެއްވޭ ހިސާބަށް އާދެވުނީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި ހިސާބުން، އިއްޔެ ކަމަށެވެ.
"އޭގެ ކުރީގައި [އޮންނަނީ] މަޖިލީހުގެ ރައީސް ހަވާލުކުރާ ކަމެއް [ކުރުން]. އަޅުގަނޑަށް މަސައްކަތެއް ހަވާލެއް ނުކުރޭ،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން ކަމެއް ކުރެއްވުމުގެ ބާރު ލިބިވަޑައިގަތުމާ އެކު އޭނާ ވަނީ މެމްބަރުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވަން، މުވައްޒަފުންނަށް އަަންގަވާފަ އެވެ.
"މަޖިލީހަކީ މިހެން ވެގެންވާނެ ތަނެއް ނޫން. އަޅުގަނޑު ވެސް މަޖިލީހުގައި 15 ވަރަކަށް އަހަރު މި ހޭދަވަނީ. މިކަހަލަ ދުވަސްތަކެއް އަޅުގަނޑެއް ވެސް ނުދެކެން. އަޅުގަނޑު ވެސް މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ހިތްދަތިވޭ،" މޫސަ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލައި ބައެއް މެމްބަރުން މަޖިލީހަށް ވަނުން ހުއްޓުވާފައިވަނީ ޕީޕީއެމަށް އެމަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ރައީސް އަބްދުﷲ ޔާމީންގެ އެއްގެވުމަށް މަސީހް މަޖިލިސް ހުއްޓުވީ އެވެ.