ތަފާތު ގައުމަކަށް ފަސް އަހަރު ތެރޭ ސައުދީ ހަދާނަން: ވަލީ އަހުދު
ތަފާތު ގައުމަކަށް ފަސް އަހަރު ތެރޭ ސައުދީ ހަދާނަން: ވަލީ އަހުދު

ރިޔާޒް (އޮކްޓޯބަރު 25) - ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސައުދީ އަރަބިއާ އަކީ މުޅިން ތަފާތު ގައުމަކަށް ބަދަލު ކުރާނެ ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑަށް ގަބޫލް ކުރެވެނީ އާ ޔޫރަޕަށް ވެގެން ދާނީ މެދުއިރުމަތި ކަމަށް،" ސައުދީގައި މިއަދު ނިމޭ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަމުން ބިން ސަލްމާން ވިދާޅުވި އެވެ. "ކުރިއަށް އޮތް ފަސް އަހަރު ތެރޭ ސައުދީ އަރަބިއާ ފެނިގެން ދާނީ ތަފާތު ގައުމެއްގެ ގޮތުގައި."

ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ފަށާފައިވާ ވިޝަން 2030 ޕްރޮގްރާމްގެ ބާނީ އަކީ ޕްރިންސް މުހައްމަދެވެ. މުހައްމަދު ވިދާޅުވީ ނަމްބަރުތަކުން ހަގީގަތް ހާމަވާ ކަމަށާއި ތެލުން ނޫން އާމްދަނީ ތިން ގުނަ މައްޗަށް ޖެހިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ފަސް އަހަރު ތެރޭ އަޅުގަނޑުމެންނަށް ކާމިޔާބު ލިބިއްޖެ ނަމަ އެހެން ގައުމުތައް ވެސް ބައިވެރިވާނެ،" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.

މިސާލު ދައްކަވަމުން ޕްރިންސް މުހައްމަދު ވިދާޅުވީ ސައުދީއާ ތަފާތުތަކެއް ހުރި ނަމަވެސް ގަތަރުގެ އިގްތިސާދު ވަރުގަދަ ކަމަށާއި ފަސް އަހަރު ތެރޭ ގަތަރު ފެނިގެން ދާނީ ތަފާތު ގައުމެއްގެ ގޮތުގައި ކަމަށެވެ.