25 އޮކްޓޯބަރ 2018 - 12:57

މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

މިހާރު އެވޯޑްސްގެ ފުޓްބޯޅައިގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ޝޯޓްލިސްޓްކުރީ، ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އާއި ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަދި މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފާއި ނިއު ރޭޑިއަންޓުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި ޓީސީ ސްޕޯޓްސް ކްލަބުގެ މުހައްމަދު ސާދު ނިޒާރާއި ށ. ފޯކައިދޫގެ މުހައްމަދު ޖައިލަމް (އޮގީ) އަދި ކްލަބް އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އެވެ.
މިދިޔަ އަހަރު ތައާރަފްކުރި މިހާރު އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއުގެ ސެންޓޭ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ މާޒިޔާގެ ދާދު އެވެ.
ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.