ތައިލެންޑުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި
ތައިލެންޑުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި

ބެންކޮކް (އޮގަސްޓް 12) - ތައިލެންޑުގައި ޓޫރިސްޓުން އުޅޭ ހިސާބުތަކަށް ބޮމުގެ ހަމަލާތަކެއްދީ ހަތަރު މީހުން މިއަދު މަރާލައިފި އެވެ.

ތައިލެންޑުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި
ތައިލެންޑުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި

ޓޫރިސްޓުންގެ މަގްބޫލް މަންޒިލްތައް ކަމަށްވާ ޕުކެޓުގައި ބައެއް އެއްޗެހި ގޮއްވާލި އިރު ހުއާ ހިންގައި ވަނީ ހަތަރު ބޮން ގޮއްވާލައިފަ އެވެ. ބެންކޮކާ 125 މޭލު ދުރުގައި އޮންނަ ހުއާ ހިންގައި ގޮއްވާލި ބޮންތަކުގައި ދެ މީހުން ވަނީ މަރުވެފަ އެވެ. ސުރާތު ތާނީގައި ދިން ހަމަލާގައި އެކަކު މަރުވި އިރު ޓްރާންގުގައި ދިން ބޮމުގެ ހަމަލާގައި ވެސް ވަނީ މީހަކު މަރުވެފަ އެވެ.

ބޮމުގެ ހަމަލާތަކުގެ ޒިންމާ އެއްވެސް ބަޔަކު މިހާތަނަށް އުފުލައިފައެއް ނުވެ އެވެ. ފުލުހުން ބުނީ ހަމަލާތަކާ ގުޅިގެން މިހާތަނަށް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ޓެރަރިސްޓް ނެޓްވޯކެއްގެ ހަމަލާއަކަށްވުން ދުރު ކަމަށް ވެސް ބުނެފައިވެ އެވެ.

ތައިލެންޑުގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވި ދުވަސްވަރު ވަނީ އަމިއްލަ އަށް އުފައްދާފައިވާ ބޮމުގެ ހަމަލާތައް ވަރަށް ގިނައިން ދީފަ އެވެ. ނަމަވެސް އަސްކަރީ ސަރުކާރު ވެރިކަމަށް އައި ފަހުން އެ ބާވަތުގެ ހަމަލާތައް ވަނީ ވަރަށް މަދުވެފަ އެވެ.

ބޮޑު ވަޒީރު ޕްރަޔުތު ޗަން-އޮޗާ ވިދާޅުވީ ބޮމުގެ ހަމަލާތައް ދީފައި ވަނީ ހަމަނުޖެހުން އުފައްދާ، މީހުން ބިރުގެންނެވުމަށް ކަމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން ތައިލެންޑުގައި ޓޫރިސްޓުން އުޅޭ ހިސާބުތަކާއި އެއާޕޯޓްތަކުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ. ތައިލެންޑުގައި ހިންގާ ބޭރުގެ އެމްބަސީތަކުން ވަނީ ޓޫރިސްޓުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.