25 އޮކްޓޯބަރ 2018 - 13:28

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 25) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގާއި އަރިސް ބޭފުޅުންތަކެއް ސަރުކާރުގެ 1.6 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށުގައި މިއަދު ދައުވާ އުފުލައިފި އެވެ.
މިދިޔަ މެއި މަހު ވެރިކަން ގެއްލުނު ފަހުން ނަޖީބުގެ މައްޗަށް ވަނީ 38 ދައުވާއެއް އުފުލައިފަ އެވެ. އެންމެ ގިނަ މައްސަލަތައް ގުޅިފައި ވަނީ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ އެވެ. ނަޖީބަށް އިންތިޚާބު ގެއްލުމުގެ މައިގަނޑު ސަބަބަކީ ވެސް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ބޮޑުވުމެވެ.
ނަޖީބާ އެކު މިއަދު ވަނީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސީނިއާ އޮފިޝަލެއް ކަމަށްވާ މުހައްމަދު އިރްވާން ސެރިގާރް އަބްދުﷲގެ މައްޗަށް ވެސް ދައުވާ އުފުލައިފަ އެވެ.
ދެ މީހުންގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ސަރުކާރުގެ 6.6 ބިލިއަން ރިންގިޓް (1.6 ބިލިއަން ޑޮލަރު) އަށް ޑިސެމްބަރު 2016 އާއި ޑިސެމްބަރު 2017އާ ދެމެދު ޚިޔާނާތްތެރިވެފައިވުން ހިމެނެ އެވެ. ކޮންމެ ދައުވާއެއް ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.
1އެމްޑީބީގެ ޚިޔާނާގުގެ އަގު 4.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ޕާޓީގެ އާ ލީޑަރު އަހުމަދު ޒާހިދު ހާމިދީގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ދައުވާ ކޮށްފަ އެވެ.