25 އޮކްޓޯބަރ 2018 - 12:26

ލަންޑަން (އޮކްޓޫބަރު 25) - ޔުރޮޕާ ލީގުގައި މިރޭ ބެލަރޫސްގެ ބާޓޭ ބޮރިސޯފްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ޗެލްސީ ޓީމަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށާއި ހަަމައެކަނި ކަންބޮޑުވުމަކީ އެޑެން ހަޒާޑްގެ އަނިޔާގެ މައްސަލަ ކަމަށް ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ހަޒާޑްގެ ބުރަކައްޓަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވި މެޗުގަ އެވެ. ސާރީ ބުނީ ހަޒާޑްގެ އަނިޔާ މި ވަގުތަށް ސީރިއަސް ކަމަށާއި ކުރިއަށް އޮތް ދެ މެޗުގައި ވެސް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ.
"ހަޒާޑަކީ ވަރަށް މުހިއްމު ކުޅުންތެރިއެއް. އޭނާގެ ބޭނުން ކޮންމެ މެޗެއްގައި ޖެހިދާނެތީ ޓީމުގައި އޭނާ ހިމަނަން. މި ވަގުުތު އޮތް ކަންބޮޑުވުމަކީ ކުރިއަށް އޮތް ދެ މެޗުގައި ވެސް އޭނާ ނުފެނުން. އޭނާގެ އަނިޔާގެ މައްސަލަ ދިގުލައިގެން ދިއުމުގެ ބިރު ވެސް އެބައޮތް،" ސާރީ ބުންޏެވެ.
"މި މެޗުގައި އޭނާ ނުކުޅޭނެ. މިހާރު މަސައްކަތް މި ކުރަނީ އާދިއްތަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ (ހަޒާޑް) ފިޓްކުރަން،"
މިރޭގެ މެޗުގައި ޗެލްސީން ގިނަ ބަދަލުތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އާއި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އަށް އަރާމްކުރަން ވަގުތު ދޭނެ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ދެ ވަނަ ލަނޑު ޖެހި ވަގުތު އެ ޓީމުގެ އެސިސްޓަންޓް ކޯޗު މާކޯ އިއާނީ އުފާފާޅުކުރިއިރު، ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ ދިމާލަށް އިޝާރާތުން ވައްތަރު ޖައްސާފައިވާތީ އިނގިރޭސި އެފްއޭއިން ވަނީ އޭނާ އަށް އަދަބުދޭން ނިންމައިފަ އެވެ. އެ މެޗަށް ފަހު ސާރީ ވަނީ އިއާނީ ލައްވައި މޮރީނިއޯ ގާތުގައި މާއަފަށް އެދިފަ އެވެ.
ސާރީ ބުނީ އެފްއޭ އިން އިއާނީ އަށް ދޭ އަދަބެއް ބަލައިގަންނާނެ ކަމަށާއި ޗެލްސީގައި އޭނާ އަށް ދެ ވަނަ ފުރުސަތެއް ދޭން ތައްޔާރަށް ހުރި ކަމަށެވެ.
ޗެލްސީ އާއި ބާޓޭ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.