1.5 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ޕެރެޑައިސްގެ ޗީފް ކޭޝިއަރު ހައްޔަރުކޮށްފި
1.5 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ޕެރެޑައިސްގެ ޗީފް ކޭޝިއަރު ހައްޔަރުކޮށްފި

ގާތްގަނޑަކަށް 1.5 މިލިއަނެއްހާ ރުފިޔާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ޕެރެޑަައިސް އައިލެންޑް ރިސޯޓްގެ ޗީފް ކޭޝިއަރު ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕެރަޑައިސް ރިސޯޓުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ރިސޯޓްގެ ޗީފް ކޭޝިއަރު ކޯޓު އަމުރެއްގެ ދަށުން ރޭ ފަތިހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 37 އަހަރުގެ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕެރެޑައިސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓުގައި މަސައްކަތްކުރި ޗީފް ކޭޝިއަރު އެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ ކަމަށެވެ.

"އޭނާ ވަނީ އަޅުގަނޑުމެން ކައިރީގައި އަމިއްލައަށް އިއުތިރާފްވެފައި އެ ފައިސާ ބޭނުންކުރި ކަމަށް. އަޅުގަނޑުމެން ބެލިއިރު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ އޭނާ ނަގާފައިވާ ކަަމށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ޕެރެޑައިސްގެ އޮފިޝަލް ވިދާޅުވީ ޗީފް ކޭޝިއަރު ހިޔާނާތްތެރިވި ފައިސާގެ ތެރޭގައި ރިސޯޓްގެ ބައެއް މުވައްޒަފުންގެ މިދިޔަ ޖޫން އަދި ޖުލައި މަހުގެ މުސާރައިގެ އިތުރުން ސްޓާފު ޝޮޕަށް ލިބިފައި ހުރި ފައިސާ ވެސް ހިމެނޭ ކަމަށެވެ.

"އޭނައަކީ އަޅުގަނޑުމެން ވަރަށް އިތުބާރުކޮށްގެން ގެންގުޅުނު މުވައްޒަފެއް. އެހެންވެ ސީނިއާ ވަރަށް ގިނަ މުވައްޒަފުން ހުންނާނެ އެ މީހުންގެ މުސާރަ ވެސް ރައްކާކުރަން އޭނައާ ހަވާލުކޮށްފައި. ދެން މިދިޔަ ޖޫން ޖުލައި މަހު ޗުއްޓީގައި ތިބި ބައެއް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް އޭނާ ވަނީ ބޭނުންކޮށްފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗީފް ކޭޝިއަރުގެ ބެލުމު ދަށުގައި ހުރި ރިސޯޓުގެ ތިޖޫރީން ވެސް 1.3 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި ތިޖޫރީގެ ތަޅުދަނޑި ހަވާލުކުރިއިރު އޭގައި ހުރި ފައިސާ ލައްކައަކަށް ވުރެ މަދު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.