ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ ވެސް ފިލްމެއްގެ ރޯލަކަށް ސޮއިކޮށްފި
ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ ވެސް ފިލްމެއްގެ ރޯލަކަށް ސޮއިކޮށްފި

މީގެ ކުރިން ބޮލީވުޑް ފިލްމަކަށް އައިޓަމް ލަވައެއް ކުޅެފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ ފިލްމެއްގެ ރޯލަަކަށް ވެސް ސޮއިކޮށްފި އެވެ.

ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަން މިދިޔަ އަހަރު ކާމިޔާބުކުރި ބަތަލާ ސޮއިކޮށްފައި ވަނީ ސަލްމާން ހާނާ ގާތް ގުޅުމެއް އޮންނަ ރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރު ބޮލީވުޑަށް ބަތަލާއެއްގެ ގޮތުގައި ތައާރަފުކުރާ ފިލްމު "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" އެވެ.

ޖިމީ ޝެރްގިލް ބަތަލުގެ ރޯލް ކުޅޭ މި ފިލްމަށް ސޮއި ކުރިކަން ޝިލްޕާ، 41، ކަށަވަރުކޮށް ދިން ނަމަވެސް އޭނާ ވަނީ ކެރެކްޓާގެ އެއްވެސް ތަފުސީލެއް ދޭން އިންކާރުކޮށްފަ އެވެ.

"ވަރަށް އުފާވެފައި މިހުރީ. އެކަމަކު ރޯލާ ބެހޭ އެއްވެސް ތަފުސީލެއް ނުދޭނަން،" ބާބީޖީ ގަރްޕަރް ހޭ އާއި މައިކާ ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ ބަތަލާ ބޮލީވުޑް ލައިފަށް ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނީ ޕްރިތީ ޒިންތާގެ 2013 ގެ ފިލްމު "އިޝްގް އިން ޕެރިސް" ގެ ޑައިރެކްޓަރު ޕްރޭމް އާރް ސޯނީ ޑައިރެކްޓް ކުރާ ފިލްމުގައި ޝިލްޕާ ފެނިގެން ދާނީ އިންޑިއަން ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށްވާ "ޝޯލޭ" ގައި ހެމާ މާލިނީ ކުޅުނު ކަހަލަ، ހަލަނި، ވަރަށް އަނގަ ގަދަ މަޖާ މިޒާޖެއްގެ އަންހެނެއްގެ ރޯލުން ކަމަށެވެ.

ޓީވީ ބަތަލާއެއްގެ ގޮތުގައި އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ޝިލްޕާ މިދިޔަ އަހަރު އައިޓަމް ލަވައެއް ކުޅުނީ ރިޝީ ކަޕޫރާއި ޕަރޭޝް ރާވަލް އަދި ވީރް ދާސް ލީޑް ރޯލް ކުޅުނު "ޕަޓޭލް ކީ ޕަންޖާބީ ޝާދީ" ގަ އެވެ. "މާރޯ ލައިން" ގެ ނަން ދީފައިވާ ލަވައިގައި ޝިލްޕާއާ އެކު ރިޝީ ވެސް ހަރަކާތްތެރިވެފައިވެ އެވެ.

މިހާރު ޝޫޓިން ފެސުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ "ރާދާ ކިޔު ގޯރީ، މޭ ކިޔު ކާލާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ފިލްމު ސިނަމާތަކަށް އަންނާނީ މެއި 2019 ގަ އެވެ.