27 އޮކްޓޯބަރ 2018 - 06:47

ފިތަކަށް ފިތާލައިގެން ބަދަލުކޮށްލެވޭ ނަމްބަރު އައިނެއް

ލޮލުގެ ފެނުން އެންމެ ފުރިހަމަ މީހަކު ވަރަށް މަދުވާނެއެވެ. އުމުރުގެ ކޮންމެވެސް ހިސާބެއްގައި ނަމްބަރު އައިނެއްގެ އެހީ ހޯދަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އައިނަކީ އެކި ފަހަރު އެކި ބޭނުމުގައި އަޅަންޖެހޭ އެއްޗަކަށްވެއެވެ. ދުރު ބެލުމަށާއި ކިޔުމަށް ވެސް ބައެއް މީހުން އައިނު ބަދަލުކުރަންޖެހެއެވެ. އެކަމަކު އާންމުކޮށް އައިނު އަޅާ މީހުން ތިބެނީ އަތްވަށް ނުކުންނައިރަށް ކަޅުވާ ބިއްލޫރީގެ އައިނު ހައްދައިގެންނެވެ. އެހެންވެ، އެވަގުތަށް ކޮންމެހެން އެހެން އައިނެއް ނުހޯދާ ފަރުޖެއްސިދާނެއެވެ.
އެއްހާލަތުން އަނެއް ހާލަތަށް އައިނު ބަދަލުކުރަން ބޭނުންވާ މީހުންނަށް މީގެ އަހަރުތަކެއް ކުރިން އުފާވެރި ޚަބަރެއް އިވުނެވެ. އެއީ ޕިކްސެލްއޮޕްޓިކްސް ކިޔާ ކުންފުންޏަކުން ބާޒާރަށް ނެރުނު އާދަޔާ ޚިލާފް އައިނެއްގެ ޚަބަރެވެ. މި އައިނުގެ ބިއްލޫރި ފަރުމާކޮށްފައިވާ ގޮތުން ދުނިގަނޑުގައިވާ ފިތަކަށް ފިތާލުމުން އައިނުގެ ބިއްލޫރީގައިވާ ކުދި ކްރިސްޓަލްތައް ބަދަލުވެ، ފޮތް ކިޔާ ބިއްލޫރިއަކަށްވެއެވެ. އާދައިގެ އައިނެއް، ފޮތް ކިޔާ އައިނަކަށް ބަދަލުކޮށްދިނީއެވެ. މި ޓެކްނޮލޮޖީ ވެގެންދިޔައީ 2011 ވަނަ އަހަރު ނުކުތް ވަރަށް ބޭނުންތެރި ޓެކްނޮލޮޖީއަކަށެވެ. އެކަމަކު މި އައިނު، ބާޒާރަށް ނުކުތްއިރު ތަފާތު އެކި މައްސަލަތައް ދިމާވެ، ވައިގަ ހިފާ ގޮތް ނުވެ، 2013 ވަނަ އަހަރު އެ ކުންފުނީގެ މި އުފެއްދުން މުޅިން ބަނގުރޫޓުވީއެވެ.
އޭގެ އަހަރުތަކެއް ފަހުން މިއަދު އިވުނު ޚަބަރަކީ ޖަޕާންގެ ކުންފުންޏަކުން، ޕިކްސަލްއޮޕްޓިކްސްއަށް ފުރިހަމަނުކުރެވުނު މަސައްކަތައިގެން ހިންދެމިލި ވާހަކައެވެ. ޓަޗްފޯކަސް ކުންފުނިން މަސައްކަތް ފެށީ ޕިކްސެލްއޮޕްޓިކްސް އަޑި އެޅި ހިސާބުންނެވެ. އެކަމަކު އެއަށްވުރެ މާ ފުރިހަމައަށް ތައްޔާރުވެގެންނެވެ.
ޓަޗްފޯކަސްގެ އައިނު ބާޒާރަށް ނެރުނީ 20 ސްޓައިލެއްގެ އައިނު ދުނިގަނޑާއެކުއެވެ. ބިއްލޫރީގެ ފޯކަސް ބަދަލުކޮށްދެނީ ޕިކްސެލްއޮޕްޓިކްސްގެ އައިނުގައި ވެސް ބޭނުންކޮށްފައިވާ ލިކުއިޑް ކްރިސްޓަލް ސިސްޓަމްގެ އެހީގައެވެ. އައިނު ދުނިގަނޑު ފަރުމާކޮށްފައިވަނީ އައިނު އަޅައިގެން ހުންނަ މީހާގެ ކަންހުޅިއާ ދިމާގައި ފިތެއް ހަރުކޮށްގެންނެވެ. އެ ފިތަށް ފިތާލުމުން ބިއްލޫރީގެ ލިކުއިޑް ކްރިސްޓަލްތައް ގޮތްގޮތަށް އެތުރި، އައިނުގެ ފޯކަސް ބަދަލުކޮށްލައެވެ.
ޓަޗްފޯކަސްގެ އައިނު މަސައްކަތްކުރަނީ ޔޫއެސްބީ ވާކޮޅަކުން ޗާޖުކޮށްގެންނެވެ. ޗާޖުކުރުމަށް ހޭދަވާނީ ހަތަރު ގަޑިއިރެވެ. ފުރިހަމައަށް ޗާޖުވުމުން 10 ގަޑިއިރުވަންދެން ބޭނުންކުރެވޭނެއެވެ. މިއަށް ކަރަންޓު ނަގާނީ ހަމައެކަނި ފޮތްކިޔާ ގޮތަށް އައިނު ބަދަލުކުރުމުންނެވެ. ޓަޗްފޯކަސް ކުންފުނިން ބުނާ ގޮތުގައި މީގެ އައިނު ހޯދުމަށް ކޮންމެހެން ތަފާތު ބޭސް ސިޓީތަކެއްގެ ބޭނުމެއް ނެތެވެ. ޑޮކްޓަރަކު އަތުން ހޯދާ އެއް ސިޓީއިން ދެ މޯޑަށް ފެތޭ ގޮތަށް އައިނު ލިބޭނެއެވެ. މީގެ އައިނެއް ވިއްކަނީ 2،200 އެމެރިކާ ޑޮލަރަށެވެ.