އަހަންނަށް ޖާދޫއެއް ނެހެދޭނެ، ވަގުތު ބޭނުންވޭ: އޮންރީ
އަހަންނަށް ޖާދޫއެއް ނެހެދޭނެ، ވަގުތު ބޭނުންވޭ: އޮންރީ

ބްރުޖެސް، ބެލްޖިއަމް (އޮކްޓޫބަރު 25) - އޭނާ ބޭނުންވާ ސިސްޓަމަށް ޓީމު ހާނުވަން ވަގުތު ބޭނުންވާ ކަމަށާއި ޖާދުލެއް ހަދައިގެން އެންމެ މެޗަކުން ހުރިހާ ކަމެއް ބަދަލުނުކުރެވޭނެ ކަަމަށް މޮނާކޯއާ ދާދި ފަހުން ހަވާލުވި ކޯޗު ތިއަރީ އޮންރީ ބުނެފި އެވެ.

އޮންރީގެ ކޯޗުކަމުގައި މޮނާކޯ ކުޅުނު ފުރަތަމަ މެޗުން ފްރެންޗް ލީގުގައި ސްޓްރެސްބޯގް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެެ. ޗެމްޕިއަންސް ލީގުގައި އޮންރީގެ އިރުޝާދުގެ ދަށުން މޮނާކޯ ކުޅުނު ފުރަތަމަ މެޗުން ރޭ ރަށުންބޭރުގައި ކްލަބް ބްރޫޖްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގައި މޫސާ ސިލާގެ ގޯލުން މޮނާކޯ ލީޑުނަގާފައިވަނިކޮށް ބްރޫޖަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ވެސްލޭ އެވެ. މެޗަށް ފަހު އޮންރީ ބުނީ އަދިވެސް ޓީމު އޮތީ އޭނާގެ ވައްޓަފާޅި ދަސްކުރުމުގެ މަރުހަލާގައި ކަމަށެވެ.

"ކުރިން މެޗަށް ވުރެން ރަނގަޅަށް މި މެޗު ކުޅުނު. ބަލިވުމަށް ވުރެން އެއްވަރުވުމަކީ ޕޮޒިޓިވް ނަތީޖާއެއް. އެކަމަކު މޮޅެއް ނުލިބިގެން އަދި ހާސްވާކަށް ނުޖެހޭ. ވަގުތު ބޭނުންވޭ އަހަންނަށް ވެސް. އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން އެއް މެޗަށް ފަހު ހުރިހާ ކަމެއް ރަނގަޅުކުރަން،" އޮންރީ ބުންޏެވެ.

ކޯޗިން ކެރިއަރުގައި އަބަދުވެސް އެންމެ ދެކެން ބޭނުންވި ދުވަހަކީ ޗެމްޕިއަންސް ލީގުގައި ޓީމަކަށް އިރުޝާދުދެވޭ ދުވަސްކަމަށާއި އެކަން ހާސިލްވުމަކީ ވެސް އުފަލެއްގެ ގޮތުގައި އޮންރީ ސިފަ ކުރެ އެވެ.

"އަހަރެންގެ އަމިއްލަ ނަފްސަށް މި މެޗުން ލިބުނު ހާއްސަ އުފަލެއް އެބައޮތް. ޗެމްޕިއަންސް ލީގު ކުޅުންތެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނިން. އަހަރެން ކޯޗަކަށް ވެގެން އެންމެ ބޭނުންވީ ޗެމްޕިއަންސް ލީގުގެ ޓީމަކަށް އިރުޝާދުދޭން. އޭގެ ފެށުން މި މެޗުން މި އައީ،" ކުރިން ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އޮންރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގެ ފުރަތަމަ ތިން މެޗަށް ފަހު އެއް ވަނައިގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 4-0 އިން މޮޅުވި ޑޯޓްމަންޑް އޮތީ ނުވަ ޕޮއިންޓަކާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މޮނާކޯ އާއި ހަތަރު ވަނައިގައި އޮތް ބްރޫޖަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.