13 އޯގަސްޓް 2016 - 07:36

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އެމެރިކާގެ އެއާޕޯޓެއްގައި އަނެއްކާވެސް ހިފަހައްޓައިފި އެވެ. އިއްޔެގެ ވަގުތެއްގައި ޝާހްރުކް އެމެރިކާއަށް ދިއުމުން އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓްގެ އޮފިޝަލުން އޭނާ ހިފެހެއްޓިކަން ޝާހްރުކް ވަނީ ޔަގީންކޮށްދީފަ އެވެ.
ޝާހްރުކް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މިހާރު ދުނިޔޭގައި ކަންތައްތައް ހުރި ގޮތުން ސެކިއުރިޓީއަށް އަމަލުކުރަން ޖެހޭގޮތް އޭނާއަށް ވެސް އެނގޭ ކަމަށާއި އެކަމަށް އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު އެމެރިކާގެ އިމިގްރޭޝަނުން އޭނާ ހިފަހައްޓާތީ ވަރަށް ހިތްހަމަނުޖެހޭ ކަމަށް ޝާހްރުކް ބުނެފައިވެ އެވެ.
"އެންމެ ރަނގަޅުކަމަކީ ހިފަހައްޓާފައި އިން ވަގުތުކޮޅު ވަރަށް ރަނގަޅަށް ޕޮކެމޮން ކުޅެލުމުގެ ފުރުސަތު ލިބުނުކަން،" ޝާހްރުކް ސަމާސާ ރާގުގައި ކުރި ޓްވީޓެއްގައި ބުނެފައިވެ އެވ.
ޝާހްރުކް އެއާޕޯޓުގައި ހިފެހެއްޓުމުން އޭނާގެ ގިނަ ފޭނުންތަކެއް ރުޅިގަދަވިއިރު އަނެއް ބަޔަކަށް އެކަންވީ ވަރަށް މަޖާ ކަމަކަށެވެ.
ޝާހްރުކް ހިފެހެއްޓިތާ އިރުކޮޅެއް ފަހުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ނިޝާ ދެސާއީ ބިސްވާލް ކުރެއްވި ޓްވީޓެއްގައި، އެއާޕޯޓްގައި ޝާހްރުކަށް ކުރިމަތިވި އުނދަގޫތަކަށް އޭނާގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވެ އެވެ.
މިއީ ޝާހްރުކް އެމެރިކާގެ އެއާޕޯޓެއްގައި ހުއްޓުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވެސް އިމިގްރޭޝަން އޮފިޝަލުން އޭނާ ދެ ގަޑިއެއްހާއިރު އެއާޕޯޓްގައި ހިފަހައްޓާފައިވެ އެވެ. އެފަހަރު ވެސް ޔޫއެސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ޝާހްރުކްގެ ކިބައިން މައާފަށް އެދުނެވެ.
އަދި 2009 ވަނަ އަހަރު ވެސް އެމެރިކާގެ އެއާޕޯޓެއްގައި ޝާހްރުކް ހިފެހެއްޓި އެވެ. އެ ފަހަރު ޝާހްރުކް ހިފެހެއްޓީ އިމިގްރޭޝަން އޮފިސަރުންގެ ކޮމްޕިއުޓަރުގައިވާ އެލާޓް ލިސްޓުގައި އޭނާގެ ނަން އޮވެގެންނެވެ. އެފަހަރު ވަރަށް ގިނައިރު ވަންދެން ސުވާލުކޮށް އޭނާގެ ބެގޭޖް ވެސް ވަރަށް ބޮޑަށް ޗެކް ކުރި އެވެ. އެފަހަރު ފޯނު ކޯލެއް ވެސް ކުރިޔަނުދީ ގަޑިއެއްހާއިރު ހިފެހެއްޓި އެވެ.
އޭގެ ފަހުން ޝާހްރުކް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އަމިއްލަ ނަފްސަށް މާ ބޮޑަށް ބޮޑާވެވެން ފަށާއިރަށް އެމެރިކާއަށް ދަތުރެއް ކުރާ ކަމަށެވެ. އެތަނުގައި ތިބޭ އިމިގްރޭޝަން އޮފިސަރުން ކޮންމެ ފަހަރަކު އޭނާގެ މަޝްހޫރުކަމުގައި ކޮޅުފައިން ޖަހާ އޭނާގެ ތަރިއެއްގެ ލަގަބު ނެތިކޮށްލާ ކަމަށް، މަޖަލަކަށް ހަދާފައި ޝާހްރުކް ބުނެފައިވެ އެވެ.