24 އޮކްޓޯބަރ 2018 - 23:29

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާއާ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.
އެމްޑީއޭގެ ކައުންސިލް މެންބަރު އައިޝަތު މަމްދޫހާ ވިދާޅުވީ، ރިލްވާން ގެއްލުވާލާފައިވާ މައްސަލާގައި އާއިލާގެ ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވިޔަފާރިވެރިޔާ ސިޔާމްއާ އެކު އެ އާއިލާއިން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމާ ގުޅޭ ގޮތުން،" މަމްދޫހާ ވިދާޅުވި އެވެ.
މިހާރު ކުރިމަތިވެފައިވާ ބިރުވެރިކަމާއި ރިލްވާންގެ އާއިލާއަށް ލިބޭ އިންޒާރުތަކާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި އެ އާއިލާއިން ވާހަކަ ދައްކާފައިވާ ކަމަށް ވެސް މަމްދޫހާ ވިދާޅުވި އެވެ.
"ސިޔާމް ވިދާޅުވި ރިލްވާންގެ އާއިލާއަށް ބޭނުންވާ، ސިޔާމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެސް ދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގުގައި ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާ ކަމަށް މަމްދޫހާ ވިދާޅުވި އެވެ.
ސިޔާމް، މީގެ ކުރިން ވެސް ރިލްވާންގެ އާއިލާގެ މީހުންނާ ބައްދަލުކުރައްވާ ކަމަށް ވެ އެވެ.
މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ މީގެ ހަތަރު ކުރިން 2014 ވަނަ އަހަރެވެ.
ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ވަނީ ކިޑްނެޕިންގެ ދައުވާ ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލައިގައި ހައި ކޯޓަށް ދާން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފަ އެވެ.
ރިލްވާންގެ މައްސަލަ ފުރިހަމައަށް ތަހުގީގޮށް އާއިލާއަށް އިންސާފު ހޯދައިދިނުމަކީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރިޔާސީ ވައުދެކެވެ.