"4426" ގެ ޓީޒާ ދެ ލައްކަ ފަހަރު ބަލައިފި، މިއީ ރެކޯޑެއް
"4426" ގެ ޓީޒާ ދެ ލައްކަ ފަހަރު ބަލައިފި، މިއީ ރެކޯޑެއް

ކްރިސްޓަލް އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ގެ ޓީޒާގެ ވިއުސް ދެލައްކަ ފަހަނައަޅައި ހިނގައްޖެ އެވެ.

"4426" ގެ ޓީޒާ ދެ ލައްކަ ފަހަރު ބަލައިފި، މިއީ ރެކޯޑެއް
"4426" ގެ ޓީޒާ ދެ ލައްކަ ފަހަރު ބަލައިފި، މިއީ ރެކޯޑެއް

އެ ފިލްމުގެ ފޭސްބުކް ޓީޒާ އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މިއީ ދިވެހި ފިލްމެއްގެ ޓީޒާއަކަށް މިހާ ގިނަ ވިއުސް ލިބުނު ފުރަތަމަ ފަހަރެވެ.

އަންނަ އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒްކުރަން ނިންމާފައިވާ "4426" ގެ ޓީޒާ ނެރުނީ މިދިޔަ މަހުގެ 15 ގަ އެވެ.

މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް އޭނާ އާ އެކު މުހައްމަދު ޝިނާން ވެސް ޑައިރެކްޝަންގައި ބައިވެރިވާ މި ފިލްމަކީ ނަހުލާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމް ވެސް މެ އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ތަޖުރިބާކާރު އެކްޓަރުންނާ ފިލްމީ ދާއިރާގައި މިހާރު ފިޔަ ޖަހަމުން އަންނަ އާ ތަރިން ހިމެނެ އެވެ.

އޯޕަން ބަޖެޓަކުން ހަދާ "4426" ގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، އިބްރާހީމް ޖިހާދު (ޖިމީ)، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.

ފިލްމް ޕްރޮމޯޓް ކުރުމުގެ ގޮތުން "4426" ގެ ކެރެކްޓާތައް ތައާރަފުކޮށް ދިނުން ވެސް ފިލްމުގެ ރަސްމީ ފޭސް ޕޭޖްގައި މިހާރު އަންނަނީ ކުރަމުންނެވެ. އަދި ފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

"4426" ރިލީޒް ކުރުމުގެ މަސް ދުވަސް ކުރިން ޓިކެޓަށް ފުރުސަތު ހުޅުވާލާނެ ކަމަށް ކްރިސްޓަލް އިން ބުންޏެވެ.