25 އޮކްޓޯބަރ 2018 - 14:55

އިޓަލީގެ އެކި ކެއުންތައް ފޯރުކޮށްދޭން މާލޭގައި ރޭ ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.

"ޓޭސްޓް އޮފް އިޓަލީ"ގެ ނަމުގައި މި ރެސްޓޯރެންޓް ހުޅުއްވައިދެއްވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
ބައިސަން ގްރޫޕުން ގަލޮޅު ކެނެރީ މަގުގައި ހުޅުވި މި ރެސްޓޯރަންޓު އާންމުންނަށް ހުޅުވާލާނީ ހުކުރު ދުވަހެވެ.
ބައިސަން ގުރޫޕުން ބުނީ މި ރެސްޓޯރަންޓް ވާނީ ރާއްޖޭގައި އެންމެ ފުރަތަމަ މޮޒަރެއްލާ ޗީސް އުފައްދާނެ ރެސްޓޯރަަންޓް ކަމަށެވެ. އެކަމަށް ބޭނުންވާ ސާމާނު ވަރަށް އަވަހަށް މާލެ ގެންނާނެ ކަމަށް އެ ކުންްފުނިން ބުނެ އެވެ.
ބައިސަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަބްދުލް މަޖީދު ވިދާޅުވީ މި ރެސްޓޯރަންޓް ހުޅުވީ ރާއްޖެ އަށް އިޓަލީގެ ރަހަތައް ގެނައުމަށް އިޓަލީގެ ބަޔަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ އިޓާލިއަން ޕާޓްނާސްއާ، އަޅުގަނޑުމެންގެ ޕާޓްނާ ރިސޯޓް ކޮކޫން މޯލްޑިވްސްގެ އެކްޒެކެޓިވް ޝެފާ ގުޅިގެން ރާއްޖޭގެ ލޯކަލް މާކެޓަށް އޯތެންޓިކް އިޓަލިއަން އެކްސްޕީރިއެންސެއް ދޭންވެގެން ކުރެވުނު މަސައްކަތެއް މިއީ،" މަޖީދު ވިދާޅުވި އެވެ.
މަޖީދް ވިދާޅުވި ގޮތުގައި އަމިއްލަ ބްރޭންޑެއްގެ ކޮފީ އާއި ޕިއްޒާ ވެސް އެތަނުން ލިބެން ހުންނާނެ އެވެ.
މި ރެސްޓޯރަންޓުގައި މަސައްކަތްކުރާނީ ކޮކޫން މޯލްޑިވްސްގެ ކޯޕޮރެޓް ޝެފް ޖިއޮވާނީ ޑެ އަމްބޮރޯސިސް ކަމަށާއި، އެއީ އިޓަލީގެ ސެލެބްރިޓީ ޗެފެެއް ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި އިޓަލީގެ ރަހަތައް ރާއްޖެ އަށް އެންމެ ފުރިހަމަކޮށް ގެނައުމަށް ކުރި މަސައްކަތުގައި ޖިއޮވާނީ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވާ ކަމަށް މަޖީދު ވިދާޅުވި އެވެ.
ރެ ޓޭސްޓް އޮފް އިޓަލީ ހުޅުވި އިރު، ބައިސަން ގުރޫޕްގެ ރިސޯޓެއް ކަމަށްވާ "ޔޫ އެންޑް މީ" ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ބާއްވާނެ އެެވެ.