24 އޮކްޓޯބަރ 2018 - 21:10

ޝަރުއީ ނިޒާމަކީ ޕަޕެޓެއް ނޫން ކަމަށް ލިޔެފައިވާ ލިޔުމެއް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ރީޓްވީޓް ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދުގެ އަމިއްލަފުޅު ޓްވިޓާ އެކައުންޓުން ރީޓްވީޓް ކުރެއްވީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޖަސްޓިސް ކްލަރެންސް ތޯމަސް ވިދާޅުވި ބަސްފުޅަކާ ބެހޭގޮތުން އޭބީއޭ ޖާނަލްގައި ލިޔެފައިވާ ލިޔުމެކެވެ. ޖަސްޓިސް ތޯމަސް ވިދާޅުވި ކަމަށް އެ ލިޔުއްވުމުގައި ވަނީ "ޖުޑިޝަރީ އަކީ ބާރުގައި ތިބި ފަރާތްތަކުގެ ޕަޕެޓެއް ނޫން" ކަމަށެވެ.
އެމަނިކުފާނު ރީޓްވީޓް އެގޮތަށް ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވެސް ވަނީ އެކަމަށް ތައުރީފް ކުރައްވައި، ޓްވީޓެއް ކުރައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރު އެފަދަ ރީޓްވީޓެއް ކުރައްވާފައި ވަނީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހު، އިދިކޮޅު ބައެއް ލީޑަރުންގެ މައްޗަށް ކުރި ބައެއް ހުކުމްތައް ކޯޓުތަކުން ވަނީ ބާތިލްކޮށްފަ އެވެ.
ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނީ އެމަނިކުފާނާ ދެކޮޅަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ މައްސަލަތައް ވެސް ސުޕްރީމް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.