26 އޮކްޓޯބަރ 2018 - 06:36

މޫނު ނިވާކޮށްގެން ތިބި ހަ މީހުންގެ ގްރޫޕަކުން ބެލްޖިއަމްގެ ފިހާރައަކުން ވައްކަން ކުރަން އުޅުމުން ހިތުން ނުފިލާ ވަރުގެ ލަނޑެއް ދީ ފުލުހުންނާ ހަވާލުކޮށްފި އެވެ.
ބެލްޖިއަމްގެ ޝަލެރޮއި ސިޓީގައި އީ-ސިނގިރެޓްގެ ވިޔަފާރިކުރާ ޑިޑިއާ މި ހާދިސާ ބީބީސީ އަށް ހީހީފައި ކިޔައިދެމުން ބުނީ "މިއީ ހަޔާތުގައި ދިމާވި އެންމެ ގަމާރު ވަގުންގެ ގޭންގް" ކަމަށެވެ.
އޭނާ ކިޔައި ދިން ގޮތުގައި ވަގުންގެ ގްރޫޕް މެންދުރުގެ ވަގުތެއްގައި "ވަރަށް ގައްޑާވެލާފައި ވައްކަން ކުރަން ފިހާރަ އަށް ވަނުމުން މި ވަގުތު ލާރިކޮޅު ވަރަށް މަދު ކަމަށާއި ފަހުން އަންނަން އެދުނު ކަމަށް" ބުންޏެވެ.
"އެ މީހުން ވަން ގޮތަށް ހާޖާނު އުފައްދަން ވެސް އުޅުނު. އެކަމަކު އަހަރެން ވަރަށް ހަމަޖެހިލާފައި އަދި ވަރަށް އެކުވެރިކޮށް ވާހަކަ ދައްކައި ހެދީ،" ފިހާރަ ތެރޭގައި އެ މީހުން ހޭދަ ކުރި 14 މިނިޓް ކޮމެޑީއެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުންޏެވެ. "ދެން އަހަރެން ބުނިން ސޭލްސް އަދި ވަރަށް ދަށްކޮށޭ އުޅެނީ. ބަންދުކުރާ ގަޑި ކައިރިކޮށްލާފައި ފަހުން އަންނަންވީ ނޫންހޭ. އޭރު ލިބިދާނޭ ދެހާސް ނުވަތަ ތިން ހާސް ވަރަކަށް ޔޫރޯ."
ޑިޑިއާ ބުނީ އެހެން ބުނުމުން އެ މީހުން ދެން ދިޔައީ ކަމަށެވެ. އޭގެ ފަހުން ދެން ވަގުންގެ ގްރޫޕް ދިމާކޮށްލީ ފިހާރަ ބަންދު ކުރާ ގަޑީގެ އެއް ގަޑި އިރު ކުރިންނެވެ. ޑިޑިއާ ފިހާރަ ބަންދު ކުރަނީ ހަވީރު 6:30 ގަ އެވެ.
"އޭރު ފިހާރައިގެ ބޭރުގެ އެކި ދިމަދިމާލުގައި މި މީހުން ހަރަކާތްތެރި ވަމުން ދިޔަ. އަދި އެކެއްގެ ކައިރީގައި އަހަރެން ބުނިން އަދި މަޑުކުރާށޭ، ބަންދު ކުރަން އެބައޮތޭ އިރުކޮޅެއް،" އޭނާ ބުންޏެވެ. "ދެން އަހަރެން ފުލުހުންނަށް ފޯނު ކުރީ. އެ ހިސާބުން ފުލުހުން ވަގުތުން އައިސް ވަގުންތައް ހައްޔަރު ކުރީ. އެއް ބަޔަކު އުޅުނު ދުވެ ފިލަން ވެސް."
ހައްޔަރު ކުރި ހަ ފިރިހެނުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.