24 އޮކްޓޯބަރ 2018 - 16:08

ރިޔާޒް (އޮކްޓޯބަރު 24) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފިރިގެން ދަރިފުޅާ ސައުދީ ޝާހީ އާއިލާގެ ބޭފުޅުން ބައްދަލު ކުރުމުން ފާޑުކިޔުންތައް އަމާޒު ކުރަން ފަށައިފި އެވެ.
ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އިއްޔެ ވަނީ ޚާޝުގްޖީގެ ދޮށީ ފިރިހެން ދަރިފުޅު ސަލާހް އާއި ކޮއްކޮ ސާލިހުއާ ރިޔާޒުގެ ޔަމާމާ ގަނޑުވަރުގައި ބައްދަލުކޮށްފަ އެވެ. ޚާޝުގްޖީގެ އާއިލާ އަށް ރަސްގެފާނާއި ވަލީ އަހުދު ވަނީ ތައުޒިޔާ ރައްދުކޮށްފަ އެވެ. އަދި ޚާޝުގްޖީގެ ދަރިފުޅު ވަނީ ޝާހީ އާއިލާގެ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައި ކަމަށް ސައުދީ ރަސްމީ މީޑިއާ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ ވަލީ އަހުދު މުހައްމަދާ ޚާޝުގްޖީގެ ދަރިފުޅު ބައްދަލު ކުރި ފޮޓޯ އަށް ބަލައިލުމުން ބުނެދެނީ އެހެން ވާހަކައެއް ކަމަށެވެ.
ޚާޝުގްޖީގެ އާއިލާއާ ގުޅުން އޮންނަ ބައެއް ފަރާތްތަކުން އެސޯސިއޭޓެޑް ޕްރެސް އަށް ބުނެފައި ވަނީ ސައުދީ ސަރުކާރަށް ޚާޝުގްޖީ ފާޑުކިޔާ ލިޔުންތައް ވޮޝިންޓަން ޕޯސްޓުގައި ލިޔަން ފެށި ފަހުން، ސަލާހް ޚާޝުގްޖީ ސައުދީން ބޭރަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.
ޓްވިޓާގައި ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އެއީ ޕީއާރު ފޮޓޯއެކެވެ. އަނެކަކު ބުނި ގޮތުގައި އެ ފޮޓޯ އިން ހަނދާން އާކޮށްދެނީ ޑިޒާޓް ސްޓޯމްގެ ކުރިން އިރާގުން ނުދެވިފައި ތިބި ބޭރުގެ މެހްމާނުންނާ ސައްދާމު ހުސައިން ބައްދަލު ކުރި ހާދިސާގެ މަތިން ކަމަށެވެ.