26 އޮކްޓޯބަރ 2018 - 06:45

މި މަހު ރިލީޒްކުރި "ހެލިކޮޕްޓާ އީލާ" އަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ނުލިބި، ޕްލޮޕް ވިޔަސް، ޑައިރެކްޓަރު ޕްރަދީޕް ސަރުކާރު އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. މި ފަހަރު ޒުވާން އެކްޓަތު އަލީ ފަޒަލްއާ އެކުގަ އެވެ.

މި މަހުގެ 12 ގައި ރިލީޒް ކުރި އަދި ކާޖޮލްް ލީޑް ރޯލް ކުޅުނު "ހެލިކޮޕްޓާ އީލާ" އަށް ވަރަށް ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހުނަސް ޕްރަދީޕަކީ މީގެ ކުރިން ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި އޭނާގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ޕަރީނީތާ" އާއި ރާނީ މުކަރްޖީގެ "މަރްދާނީ" ފާހަގަކޮށްލެވެ އެވެ.

އަލީ ލީޑް ރޯލަށް ލައިގެން ޕްރަދީޕް ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކީ "އެރޭންޖްޑް މެރިޖް" އެވެ. މި ފިލްމަކީ މި ޒަމާނުގެ ލޯބިގެ ވާހަަކައެއް ކިޔައި ދޭނެ ފިލްމެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ފަދަ ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅެފަިއވާ އަލީ ބުނީ ޕްރަދީޕާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. މި ފިލްމުގެ ޝޫޓިން މިހާރު އަންނަކީ ކަލްކަތާގައި ނަގަމުންނެވެ.
ނަމަވެސް އަލީއާ އެކު ބަތަލާގެ ރޯލް ކުޅެނީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަ،މަކު ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ބަތަލާއަކީ ރާޖްކުމާރް ރާއޯގެ ލޯބިވެރިޔާ އަދި "ސިޓީ ލައިޓްސް" ފަދަ ފިލްމުތައް ކުޅެފައިވާ ޕަޓްރަލޭކާ ކަމަށެވެ.
ޓިގްމަންޝޫ ދޫލިއާގެ "މިލަން ޓޯކީޒް" ގެ މަސައްކަތް ވެސް ކުރަމުން އަންނަ އަލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަންޖޭ ދަތުގެ "ޕްރަޝްތާނަމް" ވެސް ހިމެނެ އެވެ.
"3 އިޑިއަޓްސް" އާއި "ފުކްރ" ފަދަ ފިލްމުތައް ކުޅެފަފައިވާ 32 އަހަރުގެ އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "މިރްޒާޕޫރް" އިންނެވެ.
އަންނަ މަހު ރިލީޒް ކުރާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ. މި ފަހަރު ދައްކައިލީ "ސުރައްޔާ" އެވެ. ކެޓްރީނާ ކެއިފް ކުޅޭ ކެރެކްޓާގެ ނަން ދީފައިވާ ލަވައިގައި އޭނާގެ ވަރަށް ވެސް ޖާދުވީ ހަރަކާތްތަކެއް ލަވައިން ދޫކޮށްލި ބައިން ދައްކުވައި ދެ އެވެ. އަދި ލަވައިން ކެޓްރީނާއާ އެކު އާމިރު ހާން ވެސް ފެނިގެން ދެ އެވެ.
އަންނަ މަހުގެ 8 ގައި ރިލީޒް ކުރާ "ތަގްސް އޮފް ހިންދުސްތާން" ގެ ލަވައެއް ކުރިން ވެސް ވަނީ ދައްކާލައިފަ އެވެ. އެއީ އަމީތާބާއި އާމިރު ފެނިގެންދާ "ވާޝްމައްލާ" އެވެ. ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ފާތިމާ ސަނާ ޝެއިހް ވެސް ހިމެނެ އެވެ.
ވަރުން ދަވަން ލީޑް ރޯލަށް ލައިގެން ޝަޝަންކް ކައިތާމން ހަދަން އުޅުނު ކޮސްޓިއުމް/ޕީރިއަށް ޑްރާމާ "ރަންބޫމީ" ގެ މަސައްކަތް ތަންކޮޅެއް ފަހަތަށް ޖައްސައިލުމަށް ފަހު، އޭނާ ހަދަން އުޅޭ ސްޕައި ތުރިލާގައި ވަރުންއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޖާންވީ ކަޕޫރް ކަމަށް މީޑިއާތަކުން ބުނެފި އެވެ.
މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ނަމަވެސް ފިލްމާ ބެހޭ ގޮތުން އޭނާ އާއި ޝަޝަންކް ވެސް އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ޖާންވީއަކީ ކަރަން ޕްރޮޑިއުސްކޮށް އަދި ޝަޝަންކް ޑައިރެކްޓްކޮށް ޖުލައި މަހު ގެނެސް ދިން "ދަޅަކް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.
އަދި 21 އަހަރުގެ ބަތަލާ މިހާރު ވަނީ ކަރަން ޑައިރެކްޓްކޮށް، 2020 ގައި ރިލީޒް ކުރާ ތާރީހީ ފިލްމު "ތަހުތު" އަށް ވެސް ސޮއިކޮށްފަ އެވެ. ކޮންމެއަކަސް ޝަޝަންކްގެ އާ ފިލްމުން ވަރުންއާ އެކު ޖާންވީ ފެނިގެން ހިނގައްޖެ ނަމަ މިއީ އަނެއްކާ ވެސް ތާޒާ ޖޯޑެއްގެ ކެމިސްޓްރީނުން ސްކްރީނުން ތަޖުރިބާކޮށްލަން ބެލުންތެރިންނަށް ލިބިގެން ދާނެ ފުރުސަތަކަށް ވާނެ އެވެ.
ޝްރަދާ ކަޕޫރް މިހާރު ކުޅެމުން އަންނަ ފިލްމު "ސައިނާ" ގައި އޭނާގެ ލޯބިވެރިޔާގެ ރޯލު ކުޅެން ބެޑްމިންޓަން ކުޅުންތެރިޔާ އަދި މިއުޒިޝަން އިޝާން ނަގްވީ ސޮއިކޮށްފި އެވެ. މީޑިއާތަކުން ބުނީ ޑައިރެކްޓަރު އަމުލް ގުޕްތޭ އިޝާން ފިލްމަށް ނެގީ ބެޑްމިންޓަން ކުޅޭ މީހަކު ފިލްމަށް ނެގުމުގެ ގޮތުންނެވެ.
ޝްރަދާ އާއި އިޝާން މިހާރު ވަނީ ފިލްމުގެ ލަވައެއް ވެސް ޝޫޓް ކުރަން ފަށައިފަ އެވެ. މި ލަވައަކީ އަމާލް މާލިކް ހަދާފައިވާ ލޯބީގެ ލަވައެކެވެ.
"ސައިނާ" އަކީ އިންޑިއާގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ އެވެ. ފިލްމުގައި ސައިނާގެ ރޯލް ކުޅެނީ ޝްރަދާ އެވެ.
އަންނަ މަހުގެ 16 ގައި ރިލީޒް ކުރާ ފިލްމު "ޕިހޫ" ވެގެން ދާނީ ބެލުންތެރިންގެ ބަނޑު ކައްކުވާލައި، ރޮއްވައިލާނެ ފިލްމަކަށެވެ.
މި ފިލްމުގެ ޓްރެއިލާ ވެސް ދައްކައިލައިފައިވާ އިރު، ބައެއް މީހުން ބުނީ ޓްރެއިލާގައި ހިމެނޭ މަންޒަރުތަކަށް ބަލާ އިރު، މުޅި ފިލްމު އެއްކޮށް ބަލައިލަން ސިނަމާގައި އިންނަން ޖެހޭނީ ހިންދުރުވާލައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މިއީ ތަންކޮޅެއް ހިތްބަލި މީހުން ބަލަން އެކަށީވެންގާ ފިލްމަކަށް ނުވެދާނެ އެވެ.
"ޕިހޫ" އަކީ އެންމެ ދެ އަހަރުގެ އަންހެން ކުއްޖަކު އެކަނި ގޭތެރޭގައި އުޅެން މަޖުބޫރުވާ ހާލަތަކަށް ދިއުމުން، ދިމާވާ ހާދިސާތަކެއް ކިޔައިދޭ ތުރިލާއެކެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ ސިދާތު ރޯއި ކަޕޫރްގެ ފިލްމު ކުންފުނި ރޯއި ކަޕޫރް ފިލްމްސް (އާރްކޭއެފް) އާއި ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ އާރްއެސްވީޕީން ގެނެސްދޭ ފިލްމެކެވެ. "ޕިހޫ" ޑައިރެކްޓްކޮށްފައި ވަނީ 2015 ގެ "މިސް ތަނަކްޕޫރް ހާޒިރު ހޯ" ގެނެސް ދިން ވިނޯދް ކަޕްރީ އެވެ.