25 އޮކްޓޯބަރ 2018 - 07:11

މިދިޔަ އަހަރު ޖެނިފާ އެނިސްޓަން އާއި ރީސް ވިދަސްޕޫންގެ ސިލްސިލާއެއް ޕްރޮޑިއުސްކޮށް، އޭގެ މުހިއްމު ރޯލްތައް ކުޅެން އިއުލާންކުރުން ވެގެން ދިޔައީ ދެ ތަރިންގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. އަދި ނަން އިއުލާންކޮށްފައިވާ މި ސީރިޒަކި އެޕަލް ސްޓްރީމިން ސާވިސް މެދުވެރިކޮށް ގެނެސް ދޭން ހަމަޖެހިފައިވާ އެއްޗެކެވެ.

ދެ ސީޒަނަކަށް ދެމިގެންދާ ގޮތަށް ކޮންމެ ސީޒަނެއްގައި 10 އެޕިސޯޑް އެލެވޭ މި ސީރީޒްގައި ކިޔައި ދޭނީ ދައްކާނީ ޓީވީ ޗެނަލެއްގެ މޯނިން ޝޯއެއްގެ ކެމެރާގެ ފުރަގަހުގައި ހިނގާ ކަންތައްތަކެކެވެ. އެއީ އެންބީސީގެ "ޓުޑޭ" އާއި އޭބީސީގެ "ގުޑް މޯނިން އެމެރިކާ" އެވެ.

ބެލުންތެރިންނާ ހަމައަށް ސީރީސް ގެނެސް ދޭން ފަށާނެ އިރެއް ނޭނގުނަސް މީގެ ކާސްޓަށް އަނެއްކާ ވެސް ވަރުގަދަ ނަމެއް މި ވަނީ އިތުރުވެފަ އެވެ.

އެނިސް އާއި ރީސްއާ އެކު އެޕަލްގެ ސިލްސިލާގެ މުހިއްމު ރޯލެއް ކުޅެން ސްޓީވް ކެރެލް މިހާރު ވަނީ ސޮއިކޮށްފަ އެވެ. އުމުރުން 56 އަހަރުގެ އެކްޓަރު މީގެ ކުރިން ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ދި އޮފީސް" ގައި ވެސް މުހިއްމު ރޯލެއް ކުޅެފަ އެވެ.
ކެރެލް އެޕަލްގެ ސިލްސިލާގައި ފެނިގެން ދާނީ "ގުޑް މޯނިން އެމެރިކާ" ގެ ހޯސްޓް މިޗް ކެޒްލާގެ ރޯލުންނެވެ. އޭނާއަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ވެސް ކުޅެފައިވާ އެކްޓަރެކެވެ.
އޭގެ ތެރޭގައި "ބުރޫސް އޯލްމައިޓީ"، "ދަ 40 އިޔާ އޯލްޑް ވާޖިން" އަދި "ލިޓްލް މިސް ސަންޝައިން" ހިމެނެ އެވެ. ކެރެލް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މި އަހަރު ރިލީޒް ކުރި ބައޮގްރަފިކަލް ޑްރާމާ "ބިއުޓިފުލް ބޯއި" އެވެ.
ޖޮނީ ޑެޕް ޖެކް ސްޕެރޯގެ ރޯލް ކުޅެފައިވާ މަގުބޫލު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އިތުރު ބައެއް ގެނެސް ދޭން ޑިޒްނީން ނިންމާފައިވާ ކަމަށް ވެރައިޓީން ބުނެފި އެވެ.
އެ ނޫހުން ބުނި ގޮތުގައި މި ފްރެންޗައިޒްގެ ހަ ވަނަ ފިލްމު ގެނެސް ދޭން ނިންމާފައި ވަނީ "ޑެޑްޕޫލް" ގެ ލިޔުންތެރިން ކަމަށްވާ ރެޓް ރީސް އާއި ޕޯލްް ވާނިކް ލައްވައި ސްކްރިޕްޓް ލިޔުއްވައިގެންނެވެ. ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެއް ދައްކަން ޑިޒްނީން ވަނީ ދެކޮޅު ހަދައިފަ އެވެ.
މިހާތަނަށް "ޕައިރޭޓްސް" ސިލްސިލާގެ ފަސް ފިލްމު ބެލުންތެރިންނާ ހަމައަށް އައިސްފައިވާ އިރު، މި ފިލްމުތަކުން 1.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ޕައިރޭޓްސް" ގެ ފުރަތަމަ ބައި "ދަ ކާޒް އޮފް ދަ ޕާލް" 2003 ގައި ރިލީޒް ކުރި އިރު ދެވަނަ ފިލްމު "ޑެޑް މޭން ޗެސްޓް" ސިނަމާތަކަށް އައީ 2006 ގަ އެވެ. އަދި ތިން ވަނަ ފިލްމު "ވޯލްޑްސް އެންޑް" 2007 ގައި ގެނެސް ދިން އިރު، ހަތަރު ވަނަ ބައި "އޮން ސްޓްރޭންޖާސް ޑައިޓްސް" ރިލީޒް ކުރީ 2011 ގަ އެވެ. އަދި ފަސް ވަނަ ބައި "ޑެޑް މޭން ނޯ ޓޭލްސް" ސިނަމާތަކަށް އައީ މިދިޔަ އަހަރު އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމު "ދަ ބޯއި" ގެ ދެވަނަ ބައިގެ ލީޑް ރޯލަށް ކެޓީ ހޯމްސް ސޮއިކޮށްފި އެވެ.
މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ކުރީގެ އަންހެނުންނާ އެކު މި ފިލްމުގެ ކާސްޓުން ދެން ފެނިގެން ދާނެ ބައެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ފިލްމުގެ ޝޫޓިން ބްރިޓިޝް ކޮލަމްބިއާގައި އަންނަ ޖެނުއަރީ މަހުގެ 14 ގައި ފަށާނެ އެވެ.
"ދަ ބޯއި" ގެ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ބައި ވެސް ޑައިރެކްޓް ކުރި ވިލިއަމް ބްރެނަޓް ވެލް އެވެ. އަދި ސްކްރީންޕްލޭ ލިޔެފައި ވަނީ ކުރިން ވެސް ސްކްރިޕްޓް ލިޔުނު ސްޓޭސީ މެނިއާ އެވެ.
"ދަ ބޯއި" އަކީ އާއިލާއެއް ދިރިއުޅުން ބަދަލު ކުރާ ތަނަކުން ފިރިހެން ދަރިއަކާއި ގޮތް ނޭނގޭ މަހުލޫގަކާ ދޭތެރޭ އުފެދޭ ގުޅުމެއްގެ ސަބަބުން ދިމާވާ ބިރުވެރި ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި 64.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، ފިލްމު ހަދަން ހަރަދު ކުރީ އެންމެ 10 މިލިއަން ޑޮލަރެވެ.
"ދަ ބޯއި" ގެ ސީކްއެލް އަށް ކެޓީ، 39، ސޮއި ކުރި އޭނާ ދެން އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒް ކުރި "އޯޝަންސް 8" އިންނެވެ. އެއީ ހާއްސަ ފެނިލުމަކުންނެވެ.
ވޯލްޓް ޑިޒްނީގެ ރައީސްގެ މަގާމުގައި މިހާރު ހުރި ޕިކްޒާގެ އެއް ބާނީ އެޑް ކެޓްމުލް މިހާރު ފުރަމުން އަންނަ މަގާމުތަކުން މި އަހަރު ނިމުމުގެ ކުރިން ރިޓަޔާ ކުރަން ނިންމައިފި އެވެ.
މަގާމުތަކުގެ ޒިންމާތަކާ ދުރުވި ނަމަވެސް އޭނާ ދެން ހުންނާނީ ކުންފުންޏަށް ލަފާދޭ މީހެއްގެ ގޮތުގަ އެވެ.
އެކަމަކު އެއީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށެވެ. އޭގެ ފަހުން 73 އަހަރުގެ އެޑް މަސައްކަތްތަކުން ރަސްމީކޮށް ރިޓަޔާ ވާނެ އެވެ.
އެނިމޭޝަން ދާއިރާ އަށް ބޮޑު އިންގިލާބެއް ގެނެސް ދިނުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައިވާ އެޑްގެ 50 އަހަރުގެ ދިގު ކެރިއަރުގައި ވަނީ ވަރަށް ވެސް ކާމިޔާބު އަދި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ކޮމްޕިއުޓާ އެނިމޭޓެޑް ފީޗާއެއް އެންމެ ފުރަތަމަ ގެނެސް ދިނުމުގައި އިސް ރޯލެއް އަދާ ކުރި ވަރުގަދަ ސިކުނޑިއެއްގެ ގޮތުގަ އެވެ. އެއީ 1995 ގެ "ޓޯއި ސްޓޯރީ" އެވެ.
ޑިޒްނީގެ ގޮތްޕެއްގެ ގޮތުގައި އޮންނަ ޕިކްޒާ ވުޖޫދަށް ގެނެސްފައި ވަނީ އެޑް އާއި ޖޯން ލެޒެޓާ ގުޅިގެންނެވެ. އެއީ 1986 ގަ އެވެ. އޭގެ ފަހުން ކާމިޔާބު އެތައް އެނިމޭޓެޑް ފިލްމެއް ޑިޒްނީ އާއި ޕިކްޒާގެ ތައްގަނޑުގައި ނެރެފައިވެ އެވެ.