ލެސްޓާ ލީގު ދިފާއުކުރުމަށް ވުރެ އޭލިއަނުން އައުން ވެސް ގާތް: ރަނިއޭރީ
ލެސްޓާ ލީގު ދިފާއުކުރުމަށް ވުރެ އޭލިއަނުން އައުން ވެސް ގާތް: ރަނިއޭރީ

ލަންޑަން (އޮގަސްޓް 12) - ލެސްޓާ ސިޓީން އާ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ދިފާއުކުރުމަށް ވުރެ ދުނިޔެ އަށް އޭލިއަނުން އައުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެ ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ޖޯކު ޖަހައިފި އެވެ.

ބޮޑެތި ޓީމުތައް ސިއްސުވާލުމަށް ފަހު ލެސްޓާ ވަނީ މިދިޔަ ސީޒަނުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. ރަނިއޭރީ ބުނީ އެކަން ތަކުރާރުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ލަންޑަންގެ ޕިކަޑިލީ ސާކަސް އަށް އޭލިއަނުން އައުމުގެ ފުރުސަތު ވެސް ބޮޑު މި ފަހަރު ލެސްޓާ އަށް ލީގު ލިބުމަށް ވުރެ. މިއީ ތަކުރާރު ކުރަން ފަސޭހަކަމެއް ނޫން. ބޮޑެތި ހުރިހާ ޓީމެއް މި ފަހަރު އަހަރެމެންނާ މެދު ސަމާލުވާނެ،" ރަނިއޭރީ ބުންޏެވެ.

ރަނިއޭރީ ބުނީ ލެސްޓާ އިން މި ސީޒަނަށް ކަނޑައަޅާފައިވާ ޓާގެޓަކީ ދެވޭ އެންމެ ދުރަކަށް ދިއުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރުން ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ވާދަވެރި ޓީމުތަކުން ލީގު ހޯދަން ކޮށްފައިވާ ހަރަދާއި ކުރަމުން އަންނަ މަސައްކަތް. އެހެންވުމުން މިއީ ފޯރިގަދަވާނެ ސީޒަނެއް. އުއްމީދަކީ ދެވެން އޮތް އެންމެ މައްޗަކަށް މި ސީޒަނުގައި ވެސް ދިއުން،" ކުރިން ޗެލްސީ އާއި މޮނާކޯ އަދި ރޯމާ އަށް ކޯޗުކޮށްދިން ރަނިއޭރީ ބުންޏެވެ.

ލެސްޓާ އަށް މިިދިޔަ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ. އަދި މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ލެސްޓާގެ ރިޔާދު މާރޭޒް ހޯދުމަށް އާސެނަލާއި ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރަނިއޭރީ ބުނީ މާރޭޒް އެ ކްލަބް ދޫކޮށްނުލާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ލެސްޓާ މާދަމާ ހަވީރު ބައްދަލުކުރާނީ ހަލް ސިޓީއާ އެވެ.