27 މެއި 2016 - 07:56

ރިއަލިޓީ ޝޯތަކުން މަގޫބުލުކަން ހޯދާފައިވާ އެމެރިކާގެ ކިމް ކާޑޭޝިއަން އާއި އޭނާގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް ފީޗާ ފިލްމެއް ހަދަން 100 މިލިއަން ޑޮލަރުގެ އޮފާއެއް ހުށަހަޅައިފި އެވެ.

މިކަން ކިމްގެ ބައޮގްރަފީ "ކާޑޭޝިއަންސް ޑައިނާސްޓީ" ލިއުނު އިއާން ހަލްފްރިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އޭނާ ބުނީ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯއެއްގެ އެގްޒެކްޓިވަކު އޭނާ އާ ބައްދަލުކޮށް، ކިމް އާއި އޭނާގެ އާއިލާގެ މެމްބަރުންތަކެއް ހިމެނޭ ގޮތަށް ފީޗާ ފިލްމެއް ހަދަން ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
ސްޓޫޑިއޯގެ ނަން ހާމަ ނުކޮށް އިއާން ބުނީ އެ އޮފާ އަށް ސްޓޫޑިއޯ އިން 100 މިލިއަން ޑޮލަރު ކިމްގެ އާއިލާ އަށް ދޭން ތައްޔާރު ކަމަށެވެ. ފިލްމްގައި ކިމް އާ އެކު އޭނާގެ މަންމަ އާއި ދޮންބައްޕަ އާއި އެއްބަނޑުއެއްބަފާ އަދި އެއްބަނޑު މެމްބަރުން ހިމެނުމަށް ސްޓޫޑިއޯ އިން ބޭނުންވެ އެވެ.
އިއާން ބުނީ އެ ފިލްމަށް އާއިލާ އިން އެއްބަސްވާ ނަމަ 100 މިިލިއަން ޑޮލަރު ދިނުމުގެ އިތުރަށް، ފިލްމް ރިލީޒްކޮށްގެން ލިބޭ އާމްދަނީ ވެސް ބައި އަޅަން ސްޓޫޑިއޯ އިން ތައްޔާރު ކަމަށެވެ.
"ކިމް އާއި އޭނާގެ އާއިލާ ދިރިއުޅުން ފީޗާ ފިލްމެއްގައި ބޮޑު ސްކްރީނުން ދައްކާލެވިއްޖެ ނަމަ، މިއީ ބޮޑު ފައިދާއެއް ހޯދިދާނެ ކަމެއް ކަމަށް ސްޓޫޑިއޯ އިން ދެކޭ. އަދި ބޮޑު ސްކްރީނުން ކިމްގެ ދިރިއުޅުން ދައްކާލުމަކީ އެ މީހުން ވަރަށް ބޭނުންވާ ކަމެއް ކަމަށް ސްޓޫޑިއޯ އިން ވަނީ ބުނެފައި،" އިއާން ބުންޏެވެ.
އޭނާ އަދި ބުނީ ކިމްގެ އާއިލާ އަށް ލިބުނު އޮފާ އަށް އެ މީހުންގެ ޝައުގުވެރިކަން ވެސް އެބަހުރި ކަމަށް އެނގިފައިވާ ކަމަށެވެ.
އެހެންވެ އެ ހުށަހެޅުން ގަބޫލް ކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އިއާން ބުންޏެވެ.
މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޯޖް ކްލޫނީ، ޗާލީޒް ތެރޮން އަދ ޖިމީ ފެލޮން ގެންނަން ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ ކުރިން ވެސް ކިމް އާއި އޭނާގެ އާއިލާ ވަނީ "ކީޕިން އަޕް ވި ދަ ކާޑޭޝިއަން" ގައި ނަމުގައި ގެނެސް ދިން ރިއަލިޓީ ޝޯއަކުން އެތައް ބަޔަކު ސިއްސުވާލައިފަ އެވެ.
އެ ޝޯގައި އާއިލާގެ މެމްބަރުންގެ ގުޅުމާއި އެ މީހުންގެ ޕޯޝް ލައިފް ވަރަށް ބޮޑަަށް ދައްކާލައިފައިވެ އެވެ.
މިހާރު މަޝްހޫރު މިއކިމް އަށް މިހާރު ލިބިފައިވާ މަޝްހޫރު ކަމުގެ އަސްލަކީ ވެސް އެ ޝޯގައި އޭނާ ފެނިގެން ދިޔަ ގޮތުން ލިބުނު މަޝްހޫރު ކަމެކެވެ.